ގޮޓް ޓު ގޯ މޯލްޑިވްސް އެޕުގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ގޮޓް ޓު ގޯ މޯލްޑިވްސް އެޕުގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުތައް ރޭވުމާއި ބުކިން ހެދުމުގައި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، "ގޮޓް ޓު ގޯ މޯލްޑިވްސް" އެޕަށް އެމް-ފައިސާގެ ޚިދުމަތް ގުޅާލައިފިކަން އުރީދޫ ފިންޓެކުން އިޢުލާނުކޮށްފިއެވެ.

"ގޮޓް ޓު ގޯ މޯލްޑިވްސް" އަކީ ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ގިނަ ޚިދުމަތްތަކެއް އެއް ތަނަކުން ފޯރުކޮށްދީ، ދަތުރުފަތުރު ކުރުން ފަސޭހަކޮށްދިނުމަށް ފަރުމާކޮށްފައިވާ ދިވެހި ޓްރެވަލް ޕްލެޓްފޯމެކެވެ. މި އެޕް މެދުވެރިކޮށް ރަށްރަށުން ހުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ޓްރާންސްފަރ ހަމަޖެއްސުމުގެ އިތުރުން އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދާ ތަފާތު ޙަރަކާތްތަކާއި ތަޖުރިބާތައް ބަލައިލައި، ބުކް ކޮށްލެވެއެވެ.

އެމް-ފައިސާ މި ޕްލެޓްފޯމާ ގުޅާލުމާއެކު، ބުކިންތަކަށް ފައިސާ ދެއްކުމުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބި، ދަތުރު ރޭވުމުން ފެށިގެން ފައިސާ ދެއްކުމާ ހަމައަށް ހުރިހާ ކަމެއް ފަސޭހަކަމާއެކު އެއްތަނަކުން ނިންމައިލުމުގެ ފުރުޞަތު މިހާރު ވަނީ ފަހިވެފައެވެ.

"ގޮޓް ޓު ގޯ މޯލްޑިވްސް" އެޕް މެދުވެރިކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި ޗުއްޓީ ހޭދަކުރުމާއި، ލޯންޗާއި އެތެރޭގެ އުދުހުންތަކުގެ ޓްރާންސްފަރގެ އިތުރުން ސްނޯކްލިން، ކޭމްޕިން އަދި ބޯޓު ޑައިވިން ފަދަ ތަފާތު ޚިދުމަތްތައް ލިބެން ހުރެއެވެ. މި ހުރިހާ ޚިދުމަތްތަކެއް އެއް ޑިޖިޓަލް ޕްލެޓްފޯމަކުން ލިބެން ހުރުމަކީ، ރާއްޖޭގެ ރީތިކަން ބަލައިލުމަށާއި އައު ތަޖުރިބާތައް ހޯދުމަށް ކަސްޓަމަރުންނަށް ލިބޭ ބޮޑު ލުޔެކެވެ.

މި ޕާޓްނަރޝިޕްގެ ސަބަބުން އެމް-ފައިސާގެ ވިއުގަ އިތުރަށް ފުޅާވެ، ރާއްޖޭގެ އެކި ވިޔަފާރިތަކާއި ޕްލެޓްފޯމްތަކުގައި ޑިޖިޓަލް ޕޭމަންޓްގެ ޚިދުމަތް ބޭނުންކުރުމަށް މަގުފަހިވެގެންދެއެވެ. "ގޮޓް ޓު ގޯ މޯލްޑިވްސް" ފަދަ ރާއްޖޭގައި އުފައްދާފައިވާ ޑިޖިޓަލް ޕްލެޓްފޯމްތަކާ އެމް-ފައިސާ ގުޅާލުމުން، އުރީދޫ ފިންޓެކުން އަމާޒު ހިފަނީ ދިވެހި އުފެއްދުންތަކަށް ހިތްވަރުދީ، ކަސްޓަމަރުންނަށް ޑިޖިޓަލް މުޢާމަލާތްތައް ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށެވެ.

މިއަދު އޮންލައިން