ދިވެހިރާއްޖޭގެ ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށާއި، ފެންވަރު ރަނގަޅު ތަޢުލީމާއި ދެމެހެއްޓެނިވި ގުޅުންތައް ޤާއިމުކުރުމުގެ މަޤްޞަދުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ފިޒިއޮތެރަޕީގެ ދާއިރާއިން ތަޢުލީމު ފޯރުކޮށްދިނުމާއި، މި ދާއިރާގެ ޕްރޮފެޝަނަލް ތަރައްޤީ ކުރިއެރުވުމުގެ އިތުރުން، ދެފަރާތުގެ ދެމެދުގައި މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން އެމްއެންޔޫއިން ބުނެފައިވަނީ، މި ޕާޓްނަރޝިޕަކީ ރާއްޖޭގެ ފިޒިއޮތެރަޕީ އަދި ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި އެއްބާރުލުން ޙަޤީޤަތަކަށް ހެދުމަށް އެހީތެރިވެދިން އެންމެހައި ފަރާތްތަކަށް އެ ޔުނިވަރސިޓީން ވަނީ ޝުކުރު އަދާކޮށްފައެވެ.