ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވި ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) އިޞްލާޙުކުރުމުގެ ނިންމެވުމަކީ، އިސްރާފު ކުޑަ، ވަރުގަދަ އަދި މާލީ ގޮތުން ދެމެހެއްޓެނިވި ދައުލަތުގެ ޚިދުމަތުގެ ދާއިރާއެއް ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ޙުސެއިން ފަހުމީ ވިދާޅުވީ، ކުންފުނިތަކުގެ މަސައްކަތްތައް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރުމާއި، ބޭކާރު ޚަރަދުތައް ނައްތާލުމުގެ އިތުރުން، ކޯޕަރޭޓް ގަވަރނަންސް ހަރުދަނާކުރުމާއި ޤައުމީ އިސްތިރާޖީ މިލްކުވެރިކަން ވަރުގަދަކުރުމަކީ އެސްއޯއީތަކަށް އެންމެ މުހިންމު ކަންކަމަށް ސަމާލުކަން ދެވޭނެ ނިންމުމެއް ކަމަށެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ ކާރިސާދާރުކަމާއި ޒިންމާދާރުކަން އިތުރުވެ، ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި އަދި ހެޔޮއެދޭ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، މާނަހުރި އިޞްލާޙީ ބަދަލުތަކެއް ގެނެވޭނީ އުނދަގޫ ނިންމެވުންތައް ނިންމައިގެންނާއި، އެކަންކަން ތަންފީޒުކުރުމުގެ އަޒުމާއެކުގައި ކަމަށެވެ. އަދި ސަރުކާރުން މި ނިންމެވި ނިންމެވުމަކީ ސާފު މަޤްޞަދެއްގައި ޤައުމާއި ރައްޔިތުންގެ ލާބައަށްޓަކައި ގެނެވޭ މުހިންމު އިޞްލާޙީ ނިންމުމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.