ގެދޮރުވެރިކަމަށް ބޭނުންވާ އިމާރާތްކުރުމުގެ ލޯނު ނެގުމަށް ބޭންކުތަކަށް ދައްކަންޖެހޭ އިކުއިޓީއިން ބައެއް ސަރުކާރުން ހިލޭ ދޫކުރާ ޚާއްޞަ ސްކީމެއް މިއަހަރުގެ ފަހުކޮޅު ހުޅުވާލަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އަލަށް ތަޢާރަފްކުރާ މި ސްކީމްގެ ދަށުން ކޮންމެ މީހަކަށްވެސް %5 އަށްވާ ފައިސާގެ އިކުއިޓީ ސަރުކާރުން ހިލޭ ފޯރުކޮށްދޭނެ ކަމަށާއި، އެއީ އަނބުރާ ދައްކަންޖެހޭ އެއްޗެއް ނޫން ކަމަށެވެ. މީގެ ސަބަބުން އާއިލާތަކުން އިކުއިޓީ ހަމަކުރުމަށް ކުރާ މަސައްކަތަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކުރިން %10 ގައި ހުރި ހައުސިންގ ލޯނުތަކުގެ އިކުއިޓީ މިހާރު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް %5 އަށް ކުޑަކޮށްފައިވާކަން ފާހަގަކުރައްވަމުން، މި އައު ސްކީމްގެ އިތުރު ތަފްޞީލުތައް ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ހާމަކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.