މިއަދުނޫހުގެ ކިޔުންތެރިންނަށް ފުރަތަމަވެސް ދަންނަވާލަން ބޭނުންވަނީ މިލިޔުން މިގެނެސްދެނީ އެއްވެސް ޙާލެއްގައި ޙަލާލް ނޫން ގުޅުމުގެ ތެރެއިން ދަރިން ހޯދަން ހިތްވަރުދިނުމަށް ނޫނެވެ. އަދި ޙަލާލް ނޫން ގުޅުން ހިންގަން ހިތްވަރުދިނުމަކަށްވެސް ނޫނެވެ. އެއީ ކުރެވޭނެ އެންމެ ބޮޑު ފާފައެކެވެ. އޮތީ ﷲ އަށް ބިރުވެތިވެ އެފަދަ ކަމެއް ނުކުރުމެވެ.
އެހެންކަމާއިއެކުގައިވެސް އެބޮޑުފާފައެބަކުރެވެއެވެ. ބަލިވެވެސް އެބަ އިނދެއެވެ. އެއްބައަކު ލަދުން ސަލާމަތްވުމަށް ދަރިފުޅު ވައްޓާލައެވެ. އެއިރުން އެކުރެވެނީ ކުރިން ކުރެވުނު ފާފައަށްވުރެ މާބޮޑު ފާފައެކެވެ. އެލިބިގަނެވެނީ މާބޮޑު ދެރައެކެވެ. ވީމާ މިޑޮކްޓަރު އެދޭ ނަޞީޙަތަށް ރަނގަޅަށް ވިސްނާށެވެ!
ދަރިފުޅު ވައްޓާލަން ދިއުމުން ޑޮކްޓަރު ދިން ނަޞޭޙަތާއި ނަޞީޙަތް ޤަބޫލުކުރުމުން ކުރި ފައިދާގެ ވާހަކަ-
"ބުނަންހެއްޔެވެ؟ އަހުރެން ކްލިނިކް ހިންގަނީ ފައިސާހޯދާށެވެ! އެކަމަކު ފައިސާއަށްވުރެ މާބޮޑުކަމެއް އެބައޮތެވެ. އެއީ ﷲ ގެ ކޯފާއަށް ބިރުވެތިވުމެވެ. ވީމާ ކިތަންމެ ގިނަ ފައިސާތަކެއް ދިނަސް ބަލިވެއިނުމުން މައިމީހާގެ ފުރާނައަށް ނުރައްކައުވެދާނެކަން ޔަޤީންވާ ޙާލަތެއްގައި ނޫނީ އަހުރެން އެބޯޝަނެއް ނުހަދާނަމެވެ.
ދަރިފުޅާއެވެ! ތިއަ ދަރިފުޅު ވައްޓައިލެވިދާނެއެވެ. އެއިގެ ފަހުން ތިބާ ދަރިއަކަށް ބަލިވެ ނުއިނދެއްޖެނަމަ ދެންވާނީ ކިހިނަކުން ހެއްޔެވެ؟ ދަރިއަކު ލިބޭނީ ކިހިނަކުން ހެއްޔެވެ؟
ވީމާ ޘާބިތުކަމާއެކު ކުރިމަތިލާށެވެ! ކުރެވުނު ފާފައަށް ތައުބާވާށެވެ! މިދަރިފުޅަކީ ތިބާއަށް ލެއްވެވި ރަޙްމަތަކަށްވުން އެދިގެން ދުޢާކުރާށެވެ. ﷲ ތަޢާލާ ތިބާގެ އަޑު އައްސަވައިވޮޑިގެންވެއެވެ. ތިބާއަށް ހެޔޮ ގޮތް މިންވަރުކުރައްވަވާނެތެވެ.
އަހުރެންނަކީ ދީނީ ޢިލްމްވެރިއެއް ނޫނެވެ. އެކަމަކު އެންމެންނަށް އެނގޭ ކަމެއް އެބައޮތެވެ. ﷲ ތަޢާލާ ލެއްވެވި ފުރާނައެއް ނައްތައިލެވުމަކީ ޒިނޭކުރެވުމަށްވުރެ މާބޮޑު ފާފައެއް ކަމެވެ. ތިއަ މަރައިލެވެނީ އިންސާނެކެވެ. ތަފާތަކީ ދުނިޔެއަށް އުފަންނުވަނީސް މަރައިލެވޭ ކަމެވެ.
ދެން ތިބާ ބުނާނީ ދަރިފުޅު ބަލަންޖެހޭނީ އެކަނިކަމަށްވުމުން އުފުލަންޖެހޭނެ ބުރައިގެ ވާހަކައެވެ. ކައިވެނީގައި ދަރިއަކު ލިބޭތަނުން ނުވަތަ ބަލިވެއިންނަތަނުން ވަރިކޮށްލާފައި ހިނގައްޖެނަމަވެސް ބަލަންޖެހޭނީ އެކަނި ނޫންހެއްޔެވެ؟ ހަމަ އެބުރަތައް އުފުލަންޖެހޭނެ ނޫންހެއްޔެވެ؟ ވީއިރު އޮތްތަފާތަކީ ކޮބައިހެއްޔެވެ؟
ހަމަޤައިމުވެސް މާތް ﷲ އަށް ބިރުވެތިވެ ފާފައެއް ނުކުރުމުން އެމީހަކަށްޓަކައި ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުއްވަވައިލަ ދެއްވަވާނެތެވެ. މާތް ﷲ އީ އަހުރެމެންގެ ތެރެއިން ތައުބާވާ އަޅުންނަށް ހެޔޮގޮތްތައް މިންވަރުކުރައްވަވާ ރަސްކަލާނގެއެވެ."
ޑޮކްޓަރުގެ ނަޞީޙަތް އަޑުއިވުމުން އޭނާއަށް ބާރަށް ރޮވުނެވެ. ދެރަވެގެނެއް ނޫނެވެ. އުފަލުންނެވެ. އޭނާއަށް ކުރެވެން އުޅުނު ބޮޑުފާފައިން ސަލާމަތްވެވުނިތީއެވެ.
ދެން މިބުނެދެނީ ޑޮކްޓަރުގެ ނަޞީޙަތް ޤަބޫލުކުރުމުން އޭނާއަށް ކުރި ފައިދާގެ ވާހަކައެވެ.
އޭނާ ތައުބާވެ ދުޢާކުރަން ފެށިއެވެ. ނަތީޖާއަކަށްވީ އެކުވެރިންގެ ތެރެއިން މީހަކު އޭނާގެ ޙާލަތަށް ހަމްދަރުދީވެ އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭން ފެށުމެވެ. ވިހައި ގަދަވުމުން އޭނާއާއި ކައިވެނިވެސް ކުރިއެވެ. ދެމަފިރިންގެ ކައިވެންޏަށް އެތައް އަހަރެއް ވެއްޖެއެވެ. އިތުރު ދަރިންވެސް ލިބި ދިރިއުޅެމުން އަންނަނީ އުފާވެރިކަމުގައެވެ.
ޙާދިސާގެ ވާހަކަ މިހިސާބުން ނިމުނީއެވެ. ބުނެލަން އޮތީ ޑޮކްޓަރު އެދިން ނަޞީހަތުގައި ހިފުމުން ހަމަ އޭނާ ބުނި ގޮތަށް އެއޮތީ ކަންތައްވެފައެވެ. ޢިބްރަތް ޙާޞިލްކުރާށެވެ! ދަރިން ނުމަޜާށެވެ! ކޮންމެ ދަރިއަކުވެސް ދުނިޔެއަށް އުފަންވާނީ އޭނާއަށް ލިޔުއްވަވާފައިވާ ރިޒުޤާއިއެކުގައެވެ.
- މިއަދުނޫސް