ސަމާލުވެލައްވާ!: ޢާއިލާގެ އެސްފީނާއިން ދެމަފިރިންގެ ކައިވެނި ކިރިޔާ ނުރޫޅިވަނިކޮށް ސަލާމަތްކުރެވުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ސަމާލުވެލައްވާ!: ޢާއިލާގެ އެސްފީނާއިން ދެމަފިރިންގެ ކައިވެނި ކިރިޔާ ނުރޫޅިވަނިކޮށް ސަލާމަތްކުރެވުނު ގޮތުގެ ވާހަކަ-

އަޅުގަނޑާއި ފިރިމީހާ ދިރިއުޅެމުން އައީ ފިރިމީހާގެ ޢާއިލީގޭގައި އެންމެން އެކުގައެވެ. އެގެއަށް ދެވުނު ފުރަތަމަ ދުވަހުވެސް ފާހަގަކުރެވުނީ ވަރަށް ޒުވާބުކުރުން ގިނަ ބައެއްކަމެވެ. އަޅުގަނޑު މަސައްކަތްކުރީ އެއްވެސް މީހަކާއި ޒުވާބުނުކޮށް އުޅުމަށެވެ.  

އަޅުގަނޑުގެ ފިރިމީހާއަކީ ވަރަށް ބަސްމަދު އަޚްލާޤް ރަނގަޅު މީހެކެވެ. ވީމާ ދެމަފިރިންގެ ެމދުގައިވެސް ދެބަސްވާކަށް ނުޖެހެއެވެ. ކުރިމަތިވާ ކަންކަން ވަރަށް ފަސޭހައިން ޙައްލުކުރެވެއެވެ. ދެމަފިރިންގެ މެދުގައި ޚިޔާލުތަފާތުވިޔަސް އެކަން އެއްވެސް މީހަކަށް ނުއަންގައި ދެމަފިރިން މަޝްވަރާކޮށްގެން ޙައްލުކުރަނީއެވެ.  

ދުވަސްކޮޅެއް ފަހުން ފާހަގަކުރެވެންފެށީ އަހުރެމެން ދެމީހުންނަށް ހަމަލޮލުން ނުބަލައި ލޯއަޅާގޮތަކަށް ބަލާކަމެވެ. ކޮއްކޮގެ އެކަންތައް ތަންކޮޅެއް ބޮޑުކަންވެސް ފާހަގަކުރެއެވެ. އެކަން ފާހަގަކުރެވުނަސް އެއްވެސް ސުވާލެއްވެސް ނުކުރަމެވެ.  

އެއިގެ ދުވަސްކޮޅެއްފަހުން ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުން ގިނަވާން ފަށައިފިއެވެ. ކުރިން އޮތް ގާތްކަން ކެނޑެން ފަށައިފިއެވެ. ބައެއްފަހަރު މިއުޅެނީ ދެމަފިރިން ވަކިވާންކަމަށްވެސް ވިސްނެން ފަށައިފިއެވެ. އެކަމަކު އެއީ އެކަކުވެސް ބޭނުންވާ ގޮތެއް ނޫނެވެ.  

އެހެންވެ ދެމީހުން މަޝްވަރާކޮށްފައި ރުޤްޔާކުރާ މީހެއްގެ ލަފާހޯދީމެވެ. އޭނާ ބަލާފައި ބުނީ ވަރަށް ގަދައަށް ދެމީހުންނަށްވެސް އެސްފީނާ ޖެހިފައިވާ ކަމަށެވެ. ކުރަންވީ ފަރުވާތައްވެސް ކިޔައިދިނެވެ. ބުނެދިނީ މާބޮޑެތި ކަންކަމެއް ނޫނެވެ. ޢާންމުކޮށްކުރާ ކަންކަމެވެ. އެންމެ ބޮޑަށް ބާރުއެޅީ ކިޔަވައިގެން ފެންއުޅުމަށާއި ކޮންމެ ދުވަހަކުވެސް ބަޤަރާސޫރަތް ކިޔެވުމަށެވެ.  

އެކަންކަން ކުރަންފެށުމުން މަޑުމަޑުން އައިސް ކުރިއާއި އެއްގޮތަށް ކަންކަން ހަމަޖެހި ލޯބިން އުޅެވެން ފަށައިފިއެވެ. އަހުރެމެންނަށް މެދުވެރިވި އެއްވެސް ކަމެއްގެ ވާހަކަ އެކަކަށްވެސް ޙިއްޞާއެއް ނުކުރަމެވެ.  

ދެމީހުން އިތުރަށް ކަމެއް ކުރަންފޭށީމެވެ. އެއީ ދެމީހުން އެކުގައި ރޭއަޅުކަންކުރަން ފެށުމެވެ. އަހުރެމެންނަށް އެކަން މެދުވެރިވި ގޮތެއް އެނގުން އެދި ދެމީހުންވެސް އައީ ދުޢާކުރަމުންނެވެ. ދުޢާކުރަންފެށިތަނާހެން ހުވަފެނުގައި ފެނުނީ އަހުރެމެންނަށް އެދެރަ ލިބުނީ އާއިލާގެ މީހުންގެ އެސްފީނާއިން ކަމަށެވެ. އެމީހުން ޙަސަދަވެރިވީ އެމީހުން ގޮތަށް ޒުވާބުނުކޮށް ދެމީހުން ލޯބިން އެކުގައި އުޅޭތީއެވެ. ޙަސަދަވެރިކަން އެސްފީނާއަށް ބަދަލުވީއެވެ.  

އަޅުގަނޑުމެން އެހިސާބުން ތަނެއް ކުއްޔަށް ހިފައިގެން ގެއިން ނުކުތީއެވެ. ފުރަތަމަކޮޅު ވަރަށް އަތްމަތިދަތިވިއެވެ. ނަމަވެސް ދުވަސްކޮޅެއްފަހުން ދެމީހުންނަށްވެސް މުސާރަ ބޮޑުވެ ހަމަޖެހިލައިގެން އުޅެލެވޭވަރުވެއްޖެއެވެ.  

އަޅުގަނޑުމެންނަށް ކަންކަން މެދުވެރިވި ގޮތް ކިޔުންތެރިންނަށް ޙިއްޞާކޮށްމިލީ މިފަދަ މައްސަލަތައް ގިނަވަމުންދާތީ ހޭލުންތެރިވުމަށް ބުނުމަށެވެ. މިއީ ވަރަށް ގިނަބައަކަށް ޖެހޭ ޙާލަތަކަށްވާތީއެވެ.

 

- ޢާއިޝަތު / މިއަދުނޫސް

މިއަދު އޮންލައިން