އެކުވެރި ދައުލަތްތައް (އ.ދ.) ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 63 ވަނަ ސެޝަން ސްވިޒަލޭންޑްގެ ޖެނީވާގައި މިއަދު ފަށައިފިއެވެ. މި ސެޝަން ކުރިއަށްދާނީ 7 ސެޕްޓެމްބަރ 2026 އިން ފެށިގެން 7 އޮކްޓޫބަރ 2026 ގެ ނިޔަލަށެވެ. މި ސެޝަން ފައްޓަވައިދެއްވުމުގެ ގޮތުން އ.ދ.ގެ ހައިކޮމިޝަނަރ ފޯރ ހިއުމަން ރައިޓްސް ވޮލްކަރ ޓާރކް ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށާއި ކުރިއެރުވުމަށް ކުރެވެމުންދާ މަސައްކަތްތަކާއި މިހާރުގެ ޙާލަތާ ގުޅޭގޮތުން ވަނީ ރިޕޯޓެއް ހުށަހަޅުއްވާފައެވެ.
ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އިސްކަންދޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މި ސެޝަންގެ އެކި އެޖެންޑާ އައިޓަމްތަކުގެ ދަށުން ރާއްޖޭގެ ވަފުދުން ޤައުމީ ބަޔާން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ތަރައްޤީއަށް އޮތް ޙައްޤާ ބެހޭ ސްޕެޝަލް ރެޕަޓުއަރ އާއެކު ބާއްވާ އިންޓަރެކްޓިވް ޑައިލޮގާއި، މިޔަންމާއާ ގުޅޭ އިންޑިޕެންޑެންޓް އިންވެސްޓިގޭޓިވް މެކޭނިޒަމްގެ އިތުރުން ފަލަސްޠީނުގައި ހިންގަމުންދާ އިންސާނީ ކާރިޘާއާ ގުޅޭ ތަފާތު އެޖެންޑާ އައިޓަމްތަކުގައި ދިވެހިރާއްޖެއިން ތަޤުރީރު ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީ ހޯދުމަށް ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ރިޕޯޓުގެ މައްޗަށް އަލިއަޅުވާލައި ބާއްވާ އިންޓަރެކްޓިވް ޑައިލޮގުގައި ވެސް ރާއްޖެއިން ބަޔާން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު، ދިވެހިރާއްޖެ ހިމެނޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ކަމަށްވާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް) އާއި، އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ އިތުރުން ޖެނީވާގައި ހުންނަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އިންފޯރަމަލް ގްރޫޕުގެ އެކިއެކި ޖޮއިންޓް ސްޓޭޓްމަންޓްތައް ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތީން ދިވެހިރާއްޖެއިން ކޯސްޕޮންސަރކޮށް ބައިވެރިވާނެއެވެ.
އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 63 ވަނަ ސެޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ. މި ވަފުދުގައި ދެން ހިމެނިވަޑައިގަންނަވަނީ ކައުންސެލަރ އަލްފާޟިލް އާދަމް ޙާމިދުއާއި، އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމްގެ އިތުރުން، ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ އައިޝަތު ރަޔާހީން އަދި އެޓާޝޭ އަލްފާޟިލް މުޙައްމަދު ރާއިދު ސައީދުއެވެ.
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި، ހިމާޔަތްކުރުމަށާއި ހަރުދަނާކުރުމަށާއި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ހާލަތްތައް ދެނެގަނެ، އެކަންކަން ހައްލުކުރާނެ ގޮތްތައް ހުށަހެޅުމުގެ ޒިންމާ އަދާކުރާ 47 މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ. ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެމްބަރުކަމުގެ ދައުރު 2025 ވަނަ އަހަރު ހަމަވެފައިވީނަމަވެސް، މި މަޖިލީހުގައި ކުރަމުންދާ މަސައްކަތް ކުރިއެކޭވެސް އެއްފަދައިން ކުރިއަށް ގެންދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.