މަސްތުވާތަކެއްޗާ ދެކޮޅަށް ސައުތު ފޯރަމުން ނިންމި ނިންމުންތަކަށް ފުރިހަމަ އެއްބާރުލުން ލިބޭނެ: ސީޕީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 59ސ
މަސްތުވާތަކެއްޗާ ދެކޮޅަށް ސައުތު ފޯރަމުން ނިންމި ނިންމުންތަކަށް ފުރިހަމަ އެއްބާރުލުން ލިބޭނެ: ސީޕީ

މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ދެކުނުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން ބޭއްވި "އިންޓަރ-އޭޖެންސީ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ފޯރަމް" ގައި އެއްބަސްވި 12 ނުކުތާ އަމަލީ މައިދާނުގައި ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ. 

ކޮމިޝަނަރ މިހެން ވިދާޅުވީ 2026 ސެޕްޓެމްބަރު 6 އިން 7 އަށް އައްޑޫ ސިޓީގެ ކެނެރީފް ރިޒޯޓް މޯލްޑިވްސްގައި ކުރިއަށްދިޔަ "އިންޓަރ-އޭޖެންސީ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ފޯރަމް: ރިވިޒިޓިންގ ގެޕްސް އެންޑް ރިކަވަރީ އިން ދަ ސައުތު" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފޯރަމްގައި ޑްރަގް ކޯޓުގެ އިސް ޤާޟީއާއި، ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ އެކްޓިންގ ސީއީއޯއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރްހާދު ފިކުރީ، ސައުތު ޕޮލިސް ކޮމާންޑަރ އަދި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކަމާގުޅުންހުރި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ. 

ކޮމިޝަނަރުގެ ވާހަކަފުޅުގައި، ފޯރަމްގެ މަޝްވަރާތަކަށްފަހު އެއްބަސްވެވުނު 12 ނުކުތާއަކީ ދެކުނުގެ ހަތަރު އަތޮޅުގެ އިތުރުން މުޅި ރާއްޖެއަށް ވެސް މަސްތުވާތަކެތީގެ މައްސަލައިގައި ކުރިއެރުންތަކެއް ހޯދައިދޭނެ މުހިންމު ނިންމުންތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި މަސްތުވާތަކެއްޗަކީ ވަކި ރަށަކަށް ނުވަތަ ވަކި އަތޮޅަކަށް އެކަނި އޮތް މައްސަލައެއް ނޫން ކަމަށާއި، މިއީ މުޅި ދައުލަތާއި މުޖުތަމައު އެކުގައި މަސައްކަތްކޮށްގެން ހައްލު ހޯދަންޖެހިފައިވާ ބޮޑު ގައުމީ މައްސަލައެއް ކަމަށް ވިދާޅުވިއެވެ. މި މަސައްކަތުގައި ޑްރަގް ކޯޓާއި، އެންޑީއޭ އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ހިމެނޭހެން ދައުލަތުގެ މުއައްސަސާތަކުން ދެއްވާ އެއްބާރުލުން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ. 

ފޯރަމްތަކުން ނިމޭ ނިންމުންތައް އަމަލީ މައިދާނަށް ގެނައުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ، ކަރުދާހުގައި ނޯޓުކުރެވޭ މުހިންމު އިލްމީ ވާހަކަތައް ހަމައެކަނި މަޝްވަރާއެއްގެ ގޮތުގައި ނުބަހައްޓައި، އޭގެ ނަތީޖާ ރައްޔިތުންނަށް ފެންނާނެހެން މަސައްކަތް ބައްޓަންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި ފޯރަމްގައި ކަނޑައެޅުނު ލަނޑުދަނޑިތަކަށް ވާސިލުވުމަށް ފުލުހުންގެ މުއައްސަސާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އެރުވިއެވެ. 

މީގެއިތުރުން، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ ދީނީގޮތުންނާއި ގައުމީގޮތުން ވެސް ކޮންމެހެން ކުރަންޖެހޭ ލާޒިމު ކަމެއްކަން ފާހަގަކުރައްވައި، މި ސަރުކާރުން އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްތުވާތަކެއްޗާ ދެކޮޅަށް ކުރައްވާ މަސައްކަތްޕުޅުތަކަށް ވަސީލަތްތައް ހަމަޖައްސަވައިދެއްވުމުގައި ދެއްވާ އިސްކަމަށް ސީޕީ ޝުކުރު އަދާކުރެއްވިއެވެ. އަދި މިފަދަ ފޯރަމްތައް ރާއްޖޭގެ އެހެން ޑިވިޜަންތަކާއި ރީޖަންތަކުގައިވެސް ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވައި، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ހަރަކާތްތެރިވާ އަމިއްލަ ޖަމުއިއްޔާތަކަށް ފުލުހުންގެ އެއްބާރުލުން އަބަދުވެސް އޮންނާނެކަމަށް ވިދާޅުވިއެވެ. 

މި ފޯރަމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަދަން އޭރިއާ ކޮމާންޑުން އިސްނަގައިގެން، ދެކުނުގެ ހަތަރު އަތޮޅުގައި މަސްތުވާތަކެތީގެ ފަރުވާއާއި އަނބުރާ މުޖުތަމައަށް ގެނައުމުގެ ނިޒާމުގައި ހުރި ހުރަސްތައް ދެނެގަނެ، އެކަންކަމަށް ވަށައިޖެހޭ ހައްލުތަކެއް ހޯދުމަށް ބޭއްވި ދެ ދުވަހުގެ މަސައްކަތު ބައްދަލުވުމެކެވެ.

މިއަދު އޮންލައިން