ދިވެހިރާއްޖޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް، ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައި ބިނާކުރުމަށް ނިންމައިފިއެވެ. މި މިސްކިތުގެ މައި ހޯލުގައި އެއްފަހަރާ ގާތްގަނޑަކަށް 10,000 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ ތަނަވަސްކުރެވިގެންދާނެއެވެ.
މި ބޮޑު މަޝްރޫޢުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ. އަދި މި މަޝްރޫޢަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމަށްޓަކައި ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާއެކު މިހާރު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
މި މިސްކިތް އިމާރާތް ކުރެވެނީ ހަމައެކަނި ނަމާދުކުރާ ތަނެއްގެ ގޮތުގައެއް ނޫނެވެ. އެގޮތުން މި ބިނާގައި އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރަކާއި، ޤުރުއާން މިއުޒިއަމެއްގެ އިތުރުން އެގްޒިބިޝަން ހޯލަކާއި މަލްޓިޕަރޕަސް ހޯލެއްވެސް ހިމެނޭނެއެވެ.
މީގެއިތުރުން، އެ ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަ ވިޒިޓަރ އޭރިއާއަކާއި، އިސްލާމީ ފޮތް ފިހާރައެއް އަދި ގިފްޓް ޝޮޕެއްވެސް މި ކޮމްޕްލެކްސްގެ ތެރޭގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.