އިމާރާތްކުރުމުގެ ގާނޫނަށް ތ. އަދި ލ. އަތޮޅު ކައުންސިލްތައް އަހުލުވެރިކުރުވަން ހާއްސަ ޕްރޮގްރާމެއް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
އިމާރާތްކުރުމުގެ ގާނޫނަށް ތ. އަދި ލ. އަތޮޅު ކައުންސިލްތައް އަހުލުވެރިކުރުވަން ހާއްސަ ޕްރޮގްރާމެއް ފަށައިފި

އިމާރާތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު: 4/2017) ގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން މިނިސްޓްރީން ހިންގާ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން، ތ. އަދި ލ. އަތޮޅުގެ ރަށު ކައުންސިލްތަކަށް އަމާޒުކޮށްގެން ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

ސެޕްޓެމްބަރު 7 އިން 10 ގެ ނިޔަލަށް 4 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށްދަނީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އިމާރާތްކުރުމުގެ ގާނޫނާއި އޭގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ކައުންސިލްތަކުގެ މުވައްޒަފުން އަހުލުވެރިކޮށް، ގާބިލުކަން އިތުރުކުރުމެވެ.

މި ތަމްރީނު ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ އިމާރާތްކުރުމުގެ ހުއްދަތައް ނެގުމާއި، ކުރެހުން ފާސްކުރުމުގެ އުސޫލުތަކާއި، މަޝްރޫއުތަކަށް ލައިސަންސް ދިނުމުގެ މައްޗަށެވެ. މީގެއިތުރުން އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލްކުރުމުގެ ގަވާއިދާއި، ސައިޓުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ބެހޭގޮތުންވެސް މައުލޫމާތު ދެވޭނެއެވެ.

ހަމައެއާއެކު، ޕްލޭނިން ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުތަކުގައި އިމާރާތްކުރުމުގެ ގަވާއިދުގެ ދަށުން ކުރެހުން ފާސްކުރުމާއި ހުއްދަ ދޫކުރުމުގެ އުސޫލުތައް ކައުންސިލްތަކަށް ކިޔައިދެވޭނެއެވެ. އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތްތަކާއި ކޮންޓްރެކްޓަރުންގެ ވާޖިބުތަކާ ގުޅޭގޮތުންވެސް މި ސެޝަންތަކުގައި ފުޅާ ދާއިރާއެއްގައި މަސްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން