60،000 ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ މީހުންނަށް އާސަންދައިން ފުލް ކަވަރޭޖު ނުދޭން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
60،000 ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ މީހުންނަށް އާސަންދައިން ފުލް ކަވަރޭޖު ނުދޭން ނިންމައިފި

މަހެއްގެ މައްޗަށް 60،000 ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ ފަރާތްތަކަށް މިހާރު އޮންނަ އުސޫލުން އާސަންދައިން ފުލް ކަވަރޭޖު ނުލިބޭނެ ގޮތަށް އުސޫލު ބަދަލުކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު އޮންނަ ގޮތުން އެންމެ މުއްސަނދި މީހާއަށްވެސް އަދި އާދައިގެ މީހާއަށްވެސް އާސަންދަ ނިޒާމުގެ ދަށުން އެއްވެސް ތަފާތެއް ނެތި ޚިދުމަތް ލިބޭ ގޮތަށް އޮތުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ކަމާގުޅޭ ފަންނީ މާހިރުންވެސް ޤަބޫލުނުކުރައްވާ ކަމަށެވެ. އެހެންކަމުން، ލިބޭ އާމްދަނީއަށް ބަލައިގެން އާސަންދަ ކަވަރޭޖު ދެވޭ އުސޫލަށް އަންނަ މަހުން ފެށިގެން ބަދަލު ގެންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، 60،000 ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ ފަރާތްތަކަށް ޚިދުމަތް ލިބޭނީ ކޯޕޭ ނުވަތަ ޕްރީޕޭ ނިޒާމެއްގެ ތެރެއިން ކަމަށެވެ. އަދި މި ބަދަލާއެކު، އަހަރު ދުވަހުގެ ތެރޭގައި 287 މިލިއަން ރުފިޔާ ސަލާމަތްކުރެވި، އެ ފައިސާ ރައްޔިތުންގެ އެހެނިހެން ކަންކަމަށް ޚަރަދުކުރުމުގެ ފުރުސަތު ދަޢުލަތަށް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ގެނެވޭ ބަދަލުގެ ސަބަބުން މިއަހަރުވެސް އާސަންދައަށް ކުރާ ޚަރަދު ކުޑަކުރެވޭނެ ކަމަށާއި، ނަމަވެސް މީގެ އެންމެ ބޮޑު ބަދަލެއް ފެނިގެންދާނީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިވެހި ސަރުކާރުން ހުރިހާ ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަތް ހިލޭ ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ޤައުމީ ހެލްތު އިންޝުއަރެންސް ނިޒާމަށް ގެނެވޭ މި ބަދަލުތަކުގެ އިތުރު ތަފްސީލުތައް ކަމާގުޅުންހުރި އިދާރާތަކުން ކުރިއަށް އޮތްތަނުގައި ހާމަކުރައްވާނެއެވެ.

މިއަދު އޮންލައިން