ދިރާގުގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް ނަގައި، އެމްޑަބްލިޔުއެސްސީއަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހަދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 6ސ
ދިރާގުގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް ނަގައި، އެމްޑަބްލިޔުއެސްސީއަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހަދަނީ

ދިރާގުގެ މެޖޯރިޓީ ހިއްސާ އަލުން ސަރުކާރަށް ހޯދުމަށާއި، މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަކީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ހެދުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް މިއަދާ ހަމައަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ކުންފުނިތައް ހިންގުން ހަރުދަނާކޮށް، ޚަރަދުކުޑަ ނިޒާމެއްގެ ދަށުން އެ ކުންފުނިތައް ހިންގުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ދިރާގުގެ މެޖޯރިޓީ ހިއްސާ ދޫކޮށްފައިވާއިރު އެ ހިއްސާ އަލުން ސަރުކާރަށް ނަގައި އެ ކުންފުންޏަކީ ސަރުކާރުގެ 51 އިންސައްތަ ހިއްސާ އޮތް ކުންފުންޏަކަށް ހެދުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ "ދިރާގަކީ ސަރުކާރުގެ މެޖޯރިޓީ ޝެއާ އޮއްވައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އެ ޝެއާ ވަނީ ވިއްކާލާފައި. ރައްޔިތުންގެ ވަރަށްބޮޑު ހަރުމުދަލެއް. އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި ދިރާގުގެ ޝެއާ %51 އަށް ބޮޑުކުރުމަކީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށްޓަކައި އަދި އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް،" ކަމަށެވެ.

ދިރާގުގެ އިތުރުން އެމްޑަބްލިޔުއެސްސީއަކީވެސް ސަރުކާރަށް މުހިންމު ކުންފުންޏެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ކުންފުނީގެ ބޭރު ކުންފުންޏަކަށް ވިއްކާލާފައިވާ 20 އިންސައްތަ ހިއްސާ ގަނެ، ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް މިހާރު ފައްޓަވާފައިވާ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ "މިކަމަކީވެސް ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް. ރައްޔިތުންނަށް ޚިދުމަތްދިނުމަށް އަދި އެމްޑަބްލިޔުއެސްސީ އިތުރަށް ހަރުދަނާކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް. އެހެންވީމަ ބޭރު ކުންފުންޏަކަށް ވިއްކާލާފައިވާ %20 ގެ ޝެއާ ގަނެ، %100 ސަރުކާރު ހިއްސާވާ ކުންފުންޏަކަށް އެމްޑަބްލިޔުއެސްސީ ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު އެވަނީ ފެށިފައި،" ކަމަށެވެ.

މިއަދު އޮންލައިން