މައިންބަފައިންނަށް ހެދޭ ގޯސްތައް ފާހަގަކޮށް ނަޞީޙަތްދިނުމަކީ ދަރިން ސަމާލުކަންދޭކަން ވިސްނި އިޞްލާޙްވާން މަސައްކަތްވެސް ކުރާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
މައިންބަފައިންނަށް ހެދޭ ގޯސްތައް ފާހަގަކޮށް ނަޞީޙަތްދިނުމަކީ ދަރިން ސަމާލުކަންދޭކަން ވިސްނި އިޞްލާޙްވާން މަސައްކަތްވެސް ކުރާނެ ކަމެއް!

"އަޅުގަނޑުމެންގެ މަންމައާއި ބައްޕައަކީ ވަރަށް ލޯބިން އެކުގައި އުޅުނު ދެމީހުންނެވެ. ޢުމުރުން 60 އަހަރާން ކައިރިވެފައި ހުއްޓާ ބައްޕައަށް ނުބައި މަގަކުން ހިނގެންފެށިއެވެ. އެއީ ބައްޕަގެ އެކުވެރިންގެ ސަބަބުންކަން ވިސްނުނެވެ. އެކަން އެނގުމުން 3 ދަރިން އެކުގައި ތިބެގެން ބައްޕައާއި ވާހަކަދެއްކީމެވެ. އަހުރެމެންނަށް ވިސްނޭ ގޮތް ކިޔައިދިނީމެވެ. މަންމަގެ ކިބައިން ބައްޕައަށް އުނިވާ ކަމެއް ބުނެފިނަމަ އެކަން ފޫބައްދައިދޭނެ ކަމަށާއި ދެއަންތބަށް ކައިވެނިކުރަން މިހާރު ތިއަ ވާހަކަދައްކާ އަންހެނާއަށްވުރެ މާޒުވާން އަންހެނަކު ހޯދައިދޭނެ ކަމަށްވެސް ބުނީމެވެ.  

އަހުރެމެން 3 ބެއިން ވިސްނައިގެން ތިބީ ބައްޕަ ރުޅިއަންނާނެ ކަމަށެވެ. ނަމަވެސް ކަންތައްވީ އެގޮތަކަށް ނޫނެވެ. އެއީ އެކުވެރިންގެ ސަބަބުން ހިނގިކަމެއްކަމަށްބުނެފައި ޖަހައިލީ ހިނގަނޑެކެވެ. އެއިގެ ފަހުން ބައްޕަގެ ކިބައިން އެބާވަތުގެ ކަމެއް ނުފެނެއެވެ.

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ބުނެފައިވާ ވާހަކަކޮޅެކެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

މާތް ﷲ ގެ ވާގިފުޅާއިއެކު ހެޔޮލަފާ ދަރިންވެސް އަންނަނީ ގިނަވަމުންނެވެ. އެހެންވެ މައިންބަފައިންގެ ކިބައިން ފެންނަ ނުރަނގަޅު ކަންކަން ދަރިން ފާހަގަކޮށް އިޞްލާޙްކުރަން ބުނެއެވެ. ގިނަ މައިންބަފައިން އެމީހުންގެ ކުށްތައް އިޞްލާޙްވެސް ކުރެއެވެ. ނަމަވެސް އިޞްލާޙްކުރަން ބޭނުންނުވާ މައިންބަފައިންވެސް ތިބެއެވެ.  

އެޙާލަތުގައި ދަރިން ކުރާ ސުވާލަކީ މައިން ބަފައިން ގޯސްކަމެއް ކުރާނަމަ ނަސޭހަތް ދީގެން ވެސް އިސްލާހު ނުވާނަމަ ދެން ކަންތައްކުރަންވީ ކިހިނެއްތޯ؟ އެވެ.  

މިމައްސަލައިގަ (މިސުވާލަށް) ޑރ. އިޔާޟް ދެއްވާފައިވާ ޖަވާބު:

މައިންބަފައިން ގޯސްކަމެއް ކުރުން އެއީކީއެއް އެއްވެސް ޙާލެއްގަ ދަރިން އެކަމާ ހަނުތިބެންޖެހޭ ސަބަބެއްނޫން. މައިން ބަފައިން ކަމުގައިވީނަމަވެސް އަދި އެހެން މީހަކު ކަމުގައިވީނަމަވެސް ގޯސްކޮށްކަމެއް ކުރާކަމަށްވަނީނަމަ އެކަމެއް ރަގަޅު ކޮށްދިނުމަކީ އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް. 

އެހެން ވީމާ މައިންބަފައިން ކަމަށް ވިޔަސް އަދި އެހެންމީހެއް ކަމަށް ވިޔަސް ނުބައިކަމެއް ކުރާކަމަށް ވަނީނަމަ ނުވަތަ މުންކަރާތެއް ހިންގާ ކަމަށް ވަނީނަމަ އެކަން މަނާކުރުން އެއީ ހަމަ ކޮންމެހެންވެސް ކުރަން ޖެހޭނެކަމެއް. މައިންބަފައިން ކަމަށްވީތީ، އެކަމާ އަޅާނުލާ ހުރުން ނުވަތަ ބަހެއް ނުބުނެ ހުރުން އެއީކީ އެއްވެސް ޙާލެއްގަ އެކަން އޮންނަ ގޮތެއްނޫން.  

މައިންބަފައިން ކަމުގައިވީނަމަވެސް އަޅުގަނޑުމެން މުސްލިމުންނަކީ ނުވަތަ މިއުއްމަތުގެ މީހުން އެންމެ ހެޔޮ އުއްމަތުގެ މީހުންގެގޮތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފަވާ ސަބަބަކީ އަޅުގަނޑުމެންނަކީ ހެޔޮ ކަންތައް ތަކަށް އަމުރުކޮށް އަދި ނުބައި ކަންތައްތައް ނަހީކުރާ ބަޔަކަށް ވާތީވެ، މައިންބަފައިންކަމަށްވިޔަސް ނުރަނގަޅުކޮށް ކަމެއް ކުރާކަމަށް ވަނީނަމަ އެކަމެއް ރަގަޅު ކޮށްދިނުން އެއީ ދަރިންގެ މައްޗަށް އޮތްވާޖިބެއް. 

މިޙާލަތުގާވެސް ވިސްނަންޖެހޭނެ ކަމަކީ މައިންބަފައިންނާ ވާހަކަ ދައްކާއިރުގާ ރީތިކޮށް ވާހަކަ ދައްކަން ވާނީ. މިސާލަކަށް އެހެންމީހުންނާ ވާހަކަ ދައްކާ ގޮތާ ތަފާތުކޮށް އަދި ހިތްހަމަ ނުޖެހިފާ ހުރިކަމަށްވީ ނަމަވެސް ވަރަށް ބޮޑަށް ފަރުވާތެރިވާން ވާނެ. މައިން ބަފައިންނާ ދިމާލަށް ބާރަށް އެއްޗެއް ބުނެވިދާނެތީ ނުވަތަ ނުރަގަޅު ގޮތަކަށް އެއްޗެއް ބުނެވިދާނެތީ އެކަމާދޭތެރޭގާ ވަރަށްބޮޑަށް ފާރަވެރިވާން ޖެހޭނެ. އެފާރަވެރި ވުމާއެކީގާމައިން ބަފައިން ކުރާ ނުރަގަޅު ކަންތައްތައް މަނާކުރީމަ އޭރަށް ރަގަޅުވާނެ . އިންޝާﷲ

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން