އަހުރެންގެ އެކުވެރިއަކު ކުރި ސުވާލެކެވެ. ކައިވެނިކުރަން ރަނގަޅީ ތނަވސްމީހާ ހެއްޔެވެ؟ ނޫނީ ހެޔޮ މީހަކާއި ހެއްޔެވެ؟ އަހުރެން ވަޤުތުން ޖަވާބުދިނީމެވެ. ތިބާއަށް ހެޔޮ، އެހެން މީހުންނަށްވެސް ހެޔޮމީހާއާއިއެވެ.
އަހުރެންގެ ޖަވާބަށް އެކުވެރިޔާ ހިތްހަމައެއް ނުޖެހުނެވެ. ތަނަވަސް މީހާގެ ކިބައިން ކުރާނެ ފައިދާތައް ކިޔަން ފެށިއެވެ. ލިސްޓް ވަރަށް ދިގެވެ. ލިސްޓުގައި ނެތްކަމެއް ނެތެވެ. ދުނިޔެއިން މީހަކަށް ޙާޞިލުކުރެވޭނެ ހުރިހާ ކަމެއް ކިޔައިދީ ނިންމުމުން ބުނީމެވެ.
"ބަލަތިޔައިން އެންމެ ކަމެއްވެސް ޙާޞިލުކުރެވޭނީ އެމީހާއަކީ ހެޔޮ މީހަކަށް ވެއްޖިއްޔާ ނޫންހެއްޔެވެ؟ އެއީ ހެޔޮ ނޫން މީހަކަށްވެއްޖެނަމަ އޭނާގެ މުއްސަނދިކަން އޮންނާނީ އޭނާއަށެވެ. ތިބާއަށް ހުންނަންޖެހޭނީ ތިއަބުނި އެއްވެސް ކަމެއް ޙާޞިލުނުކުރެވިފައެވެ. އަދި އެއަށްވުރެވެސް ބޮޑު ކަމެއް އެބައޮތެވެ. އެއީ ތަނަވަސްކަމަކީ ކޮންމެ ވަޤުތަކުވެސް ގެއްލިގެންހިގައިދާނެ ކަމެކެވެ. އެކަމަކު ކިތަންމެ ފަޤީރަސް އޭނާގެ ހެޔޮކަން އަބަދުވެސް ދެމިއޮންނާނެއެވެ."
ދެމީހުން ވަކިވީ ވިސްނާނެ ކަމަށް ބުނެފައެވެ. ދެން ދެމީހުން ބައްދަލުވީ އޭނާ ކައިވެނިކުރި ފަހުންނެވެ. ފިރިމީހާއާއިއެކުގައެވެ. އެއީ އެހާތަނަވަސް މީހެއް ނޫނެވެ. ބުނީ އެކަމަކު ވަރަށް ހެޔޮ މީހެއް ކަމަށެވެ. އަހުރެން އޭނާއަށް މަރުޙަބާކިޔައި އެކުގައި ދިރިއުޅެން މަސައްކަތްކުރަން ވަރަށް ހިތްވަރުދިނީމެވެ. އޭނާއަށް ރަނގަޅު ވިސްނުން ލިބުނު ކަމަށްޓަކައި އުފާކުރީމެވެ.
އަހުރެން ނަޞީޙަތްތެރިވާނީ ކައިވެނިކުރާއިރު ތަނަވަސްކަމަށްވުރެ އަނެކާގެ ހެޔޮކަމަށް ބެލުމަށެވެ. އެކަމުން ކުރާނެ ފައިދާއާއި ލިބޭނެ އުފާވެރިކަން މާބޮޑުވާނެތީއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް