މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ރާއްޖޭގެ 36 ރަށެއްގައި 6,363 ހައުސިން ޔުނިޓުގެ މަސައްކަތް އެކި ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތަކާއެކު މިވަގުތު ރާއްޖޭގެ 54 ރަށެއްގައި ޖުމުލަ 8,588 ހައުސިން ޔުނިޓުގެ ޢަމަލީ މަސައްކަތް އެކި މަރުޙަލާތަކުގައި ދަނީ ކުރިއަށެވެ. އަދި ސަރުކާރުގެ މި ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން މި ހުރިހާ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް އެއްކޮށް ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
މީގެއިތުރުން، ރާއްޖޭގައި ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ 57 ރަށެއް ފާހަގަކޮށް، އެ ރަށްރަށުގައި 12,000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އެޅުމަށް މިހާރު ވަނީ އިޢުލާނުކޮށްފައެވެ.
ހަމައެއާއެކު، އަމިއްލަ ބިމުގައި ގެދޮރު އިމާރާތްކުރުމަށް މާލީ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، އިސްލާމީ އުސޫލުތަކުގެ ތެރެއިން ހެޔޮ އަގުގައި ލޯނު ލިބޭނެ މަގުވެސް ސަރުކާރުން މިހާރު ވަނީ ފަހިކޮށްދީފައެވެ.