އެންޑީއެމްއޭގެ މަސައްކަތްތަކަށް ހުޅުމާލެއިން ދާއިމީ ބިމެއް ހަމަޖައްސައިދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އެންޑީއެމްއޭގެ މަސައްކަތްތަކަށް ހުޅުމާލެއިން ދާއިމީ ބިމެއް ހަމަޖައްސައިދީފި

ކާރިސާތަކާއި ކުއްލި އެމަރޖެންސީ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މައި އިދާރާ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށްޓަކައި ހުޅުމާލެ ފޭސް 2 އިން ދާއިމީ ބިމެއް ސަރުކާރުން ހަމަޖައްސައިދީ، އެ ބިން ރަސްމީކޮށް އެ އޮތޯރިޓީއާ ހަވާލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިރުޝާދުގެ ދަށުން، ހުޅުމާލެ ފޭސް 2 އިން އެންޑީއެމްއޭއަށް ހަމަޖައްސައިދީފައިވަނީ 13,574 އަކަފޫޓުގެ ބިމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިލުންތެރި ސިޔާސަތުގެ ދަށުން ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާޞިލް ކުރުމަށް ހަމަޖައްސައިދެއްވި މި ބިމުގައި މުހިންމު ވަސީލަތްތަކެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ބިމުގައި އެންޑީއެމްއޭގެ މައި އޮފީހުގެ އިތުރުން ޒަމާނީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރަކާއި، ކާރިސާތަކަށް ބޭނުންވާ ސާމާނު ރައްކާކުރާނެ އިމަރޖެންސީ ވެއާހައުސްއެއް އަދި ކުއްލި ހާލަތްތަކުގައި ހާލުގައި ޖެހޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ޚާއްސަ ފެސިލިޓީއެއް ޤާއިމުކުރެވޭނެއެވެ.

މި އާ ބިމާއެކު، ރާއްޖެއަށް ދިމާވާ އެކި ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ޤައުމީ ފެންވަރުގައި އިޖާބަދިނުމުގެ ގާބިލުކަން އެންޑީއެމްއޭގައި މިހާރަށްވުރެ އެތައް ގުނައަކަށް އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.

މިއަދު އޮންލައިން