އެދެމަފިރިންވެސް ވަޒިފާއަދާކުރެއެވެ. އަނބިމީހާގެ މައިންބަފައިން ފަޤީރުވެފައި ބަލިވެއުޅޭތީ އަނބިމީހާއަށް ލިބޭ މުސާރަ އެކުގައިހެން ޚަރަދުކުރަންޖެހެނީ މަންމައަށާއި ބައްޕައަށެވެ. އެކަން ފިރިމީހާއަކަށް ބަލައެއް ނުގަނެވުނެވެ. އެހެންވެ އެއްދުވަހަކު އަނބިމީހާއަށް އެންގީ ގޭގެ ޚަރަދުތައް ކުރަންޖެހޭނީ ދެމީހުންނަށް އެއްވަރަށް ކަމަށެވެ. އަނބިމީހާ ވަޤުތުން އެކަން ޤަބޫލުކުރިއެވެ. ނަމަވެސް ފިރިމީހާއަށްވެސް ކަންތައްތަކެއް ހުށަހެޅިއެވެ. ދެމީހުންގެ ޙިއްޞާ އެއްވަރުކުރުމަށެވެ.
"ހަމައެކަނި ޚަރަދުތައް 50/50 ކުރުމަކީ އިންޞާފެއް ނޫން! މަސައްކަތްވެސް އެގޮތަށް އެއްވަރުކުރަންވާނެ! އެހެންވީމާ އަހަރެން ކައްކައި ގޭތެރެސާފުކުރާނީ ހަފްތާއަކު 3 ދުވަހު. އަނެއް 3 ދުވަހުކުރާނީ ތިބާ. ދަރިންބެލުމާ ސްކޫލަށް ގެންގޮސް ގެނައުމާ ޑޮކްޓަރަށް ދެއްކުމާ ބަލިވީމަ ބެލުމާ އެއްޗެތިދޮވެ އިސްތިރިކުރުމާ ފަތިހު ކުދިން ހޭލައްވައި ނާސްތާދިނުމާ އިންޓޯލު ތައްޔާރުކުރުމާ މިހެންގޮސް ހުރިހާ ކަމެއްވެސް ކުރާނީ އެގޮތަށް ބަހާލައިގެން. ދެން ބާކީ އޮންނަ ދުވަހު ހުރިހާ ކަމެއް ކުރާނީ ދެމީހުން. އެއިރުން އިޞާފަކަށްވާނީ!"
އަނބިމީހާގެ ވާހަކަ އަޑުއިވުމުން ފިރިމީހާ ބުނީ ތިއަކަންކަމަކީ އަންހެނުންނަށް ޚާއްޞަ ކަންކަން ކަމަށެވެ. އަނބިމީހާ ބުނީ އަންހެނުންނަށް އެކަނި ޚާއްޞަކަމަކަށް އޮންނާނީ ދަރިން ވިހެއުމާއި ގާތުން ދިނުން އެކަނި ކަމަށެވެ.
ތިއައީ އެންމެފަހުގެ ނިންމުންތޯ ފިރިމީހާ ސުވާލުކުރުމުން އަނބިމީހާ ބުނީ އެނޫންގޮތަކަށް 50/50 ނުކުރެވޭނެ ކަމަށެވެ. "ކައިވެންޏަށް 7 އަހަރުވީ! އަހުރެންވެސް މިއައީ ޚަރަދުކުރަމުން. މަސައްކަތްވެސް ކުރަމުން. މަންމައާއިބައްޕަ ބަލިޙާލުގައި އުޅޭތީ އެމީހުންނަށް ޚަރަދުކުރަންފަށާއިރަށް އެކަން ތިއަވަރުގެ ބޮޑުމައްސަލައަކަށް ހެދީމާ ދެން ރަނގަޅުވާނީ މިގޮތް. އެއިރުން އަހުރެންގެ ޗުއްޓީ 3 ދުވަހު މަސައްކަތްކުރާނީ މައިންބަފައިންނަށް ޚަރަދުކުރާނެ ފައިސާ ހޯދަން!"
ފިރިމީހާ ޙައިރާންވެ ހުރެ ވިސްނައިލުމަށްފަހު ބުންޏެވެ. "ތިއައިން އެއްވެސް ކަމެއް އެންމެ ދުވަހަކުވެސް އަހުރެންނަކަށް ނުކުރެވޭނެއެވެ. އެހެންވީމާ އަހުރެން ބުނިބަސް އަނބުރާގެނެސްފީމެވެ. ކުރިންވެސް އުޅުނު ގޮތަށް އުޅޭނީއެވެ."
ލޮބުވެތިއެކުވެރިންނޭވެ. މިވާހަކަކޮޅު މިގެނެސްދިނީ އެންމެ ބޭނުމަކުއެވެ. ދެމަފިރިންގެ ގޮތުގައި ތިބެގެން 50/50 ކުރުމުގެ ވާހަކަ ނުދައްކާށެވެ. އެއީ ހިލޭއެކުވެރިންގެ މެދުގައި އޮންނަ ކަމެކެވެ. ދެމަފިރިންވެސް ބަލަންވީ އަނެކާއަށް އެހީތެރިވެވޭތޯއެވެ. ކިތަންމެ ބުރަކޮށް ވަޒީފާއަދާކުރާ ފިރިއަކަށްވެސް ގޭތެރޭގެ މަސައްކަތެއް ނުކުރެވޭނެއެވެ. ޤަވާޢިދުކޮށް ދަރިންނެއްވެސް ނުބެލޭނެއެވެ. އެކަންކަން ކުރެވޭނެ ފިރިން ވަރަށް މަދުވާނެއެވެ. ވީމާ ދެމަފިރިންވެސް ވާންޖެހޭނީ ބައިވެރިންނަށެވެ. ވަކިކަމެއްގައެއް ނޫނެވެ. ދިރއުޅުމުގެ ހުރިހާ ކަމެއްގައެވެ. ކައިވެނީގެ މަޤްޞަދު ޙާޞިލުކުރެވޭނީ އެއިރުންނެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް