މިމީހާ ފަދައިން ތިބާއަށްވެސް ހިނިތުންވެ ހުރެގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމަށް އެދޭނަމަ އޭނާ ފަދަ މީހަކަށްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
މިމީހާ ފަދައިން ތިބާއަށްވެސް ހިނިތުންވެ ހުރެގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމަށް އެދޭނަމަ އޭނާ ފަދަ މީހަކަށްވާށެވެ!

އެއްވެސް މީހަކު ނިމިދިއުމުން އޭނާ ނިޔާވި ޙާލަތެއް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ޢިލްމްވެރިން ބަޔާންކޮށްދެއްވަނީ ހެޔޮލަފާ ނިމުމެއް ލިބޭ މީހުންގެ ކިބައިން ފެންނާނެ ޢަލާމާތްތަކެވެ. އެގޮތުން ބަލާއިރު މިމައްޔިތާގެ ކިބައިން ފެނިފައިއެވަނީ ހެޔޮ ނިމުމެއް ދެއްވެވި ކަމުގެ ޢަލާމާތްތަކެވެ.  

މިލިޔުން ކިޔުންތެރިންގެ ސަމާލުކަމަށް މިގެނެސްދެނީ އޭނާ ފަދަ މީހަކަށްވުމަށް މަސައްކަތްކުރަން ހިތްވަރު ދިނުމަށެވެ. އޭނާއަކީ މިއަދުނޫހަށް ވަރަށް ގާތުން އެނގޭ ވަރަށް ހެޔޮލަފާ ބޭކަލެކެވެ.  

އޭނާއަކީ އެތައް އަހަރެއްވަންދެން ބޮޑެތި ބަލިތަކަށް ބޭސްކުރަމުން އައި މީހެކެވެ. އޭނާ ނިޔާވީ 5 އަހަރެއްހައި ދުވަހު ބަލިވެ އުޅެފައެވެ. ކެންސަރަށްވެސް ފަރުވާކުރަމުން ދަނިކޮށެވެ. ފަހު ދެއަހަރު އެނދުމަތިވެފައި އޮވެފައެވެ. އެންމެ ފަހު އަހަރު ވަރަށް ބަލިޙާލުގައި އުޅެފައެވެ.

އޭނާގެ ހަށިގަނޑު ހިކި އަނަރޫފަވިނަމަވެސް މޫނުމައްޗަކުން އެކަމެއް ނުފެނެއެވެ. ފެނުނީ ވަރަށް ތާޒާކަމެވެ. އަދި މަރުވުމުން ހިނަވައި މޫނު ދައްކަން ބާއްވާފައި އޮތްއިރުވެސް މޫނުމަތިން ފެނުނީ ހިނިތުންވުމެވެ. އަހުރެން މިވަނީ މާތް ﷲ ގެ ހެޔޮ ރަހްމަތްފުޅުގައި ކަމަށް ބުނާފަދައެވެ. 

އޭނާއަކީ އަބަދުވެސް ނަމާދުކުރަން ސަމާލުކަންދީ ޖަމާޢަތުގައި ނަމާދުކުރަމުން އައި މީހެކެވެ. ރޭއަޅުކަންވެސް ކުރި މީހެކެވެ. ނަޞީބުދިމާކުރި ގޮތުން އެތައް ފަހަރަކު ޙައްޖާއި ޢުމނުރާވުމުގެ ނަޞީބުވެސް ލިބުނު މީހެކެވެ.

އޭނާއަކީ މުވައްޒިފެއްގެ ކިބައިން ހަމަނުޖެހޭ ކަމެއް ފެނުނަސް ދުވަހަކުވެސް ބާރަށް ބަސްބުނި މީހެއް ނޫނެވެ. ސުވާލުކޮށް ވާހަކަދައްކާނީވެސް ކައިރިއަށް ގެނެސް އިޙްތިރާމްކުރުމާއިއެކުގައެވެ. އެހެންވެ ހުރިހާ މުވައްޒިފުންވެސް އޭނާދެކެ ވަރަށް ލޯބިވިއެވެ.  

އަދިވެސް އޭނާ ކުރި ވަރަށް ރަނގަޅު ކަމެއް ފާހަގަކޮށްލާނަމެވެ. ބަލިވެ އޮންނަންޖެހުމުން އިތުބާރުކުރެވޭ ގާތް އެކުވެރިއަކު މެދުވެރިކޮށް އޭނާގެ ހުރިހާ ދަރަނިތައް އަދާކުރިއެވެ. އެކަންކުރީ ވަރަށް ދަތިޙާލުގައެވެ. ބޭސްފަރުވާ ކުރަންވެސް އުނދަގޫތައް އުފުލަމުންނެވެ. ވީމާ އޭނާގެ ބޭސްފަރުވާއަށްވުރެވެސް އޭނާ އިސްކަންދިނީ ދަރަނިތައް އަދާކުރުމަށެވެ.  

ކޮންމެ މީހަކަށް ގިނަގިނައިން ޙައްޖާއި ޢުމުރާވުމުގެ ނަޞީބު ނުލިބިދާނެއެވެ. ނަމަވެސް ނަމާދުކޮށް ދަމުނަމާދުކުރުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. އެމީހަކަށް ކެރިކުޅަދާނަކަން ލިބިގެންވާ މިންވަރު ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ވީމާ އެމީހަކަށް ކުރެވެންހުރި ކަންކަން ކުރުމުން އެމީހަކަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ. އިން ޝާ ﷲ  

މާތް ﷲ މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ އެންމެމަތީ ދަރަޖަ މިންވަރުކުރައްވަވާށިއެވެ. އާމީން.

 

މިއަދު އޮންލައިން