ކިތަންމެ ކަމުދިއަޔަސް ހިތްކުނިކޮށްގެން ހުރި މީހަކާ ކައިވެނިކުރަންވާނީ ތައުބާވެ އިޞްލާޙްވިކަން ޔަޤީންކޮށްފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ކިތަންމެ ކަމުދިއަޔަސް ހިތްކުނިކޮށްގެން ހުރި މީހަކާ ކައިވެނިކުރަންވާނީ ތައުބާވެ އިޞްލާޙްވިކަން ޔަޤީންކޮށްފަ!

ވަރިކުރުމަކީ ނުވަތަ ވަރިވުމަކީ ލިބޭ ވަރަށް ބޮޑު އަނިޔާއެކެވެ. އެކަން އެންމެންވެސް ޤަބޫލުކުރާނެއެވެ. ކައިވެނިނުކޮށް އެތައްބައަކު ވަރިކުރާ މީހުންނަށް އެކަން އިޙްޞާޞް ނުކުރެވުނަސް ކައިވެނިކުރުމަށްފަހު ވަރިކުރާ މީހުންނަށާއި ވަރިވާންޖެހޭ މީހުންނަށް އެކަން އިޙްޞާޞްކުރެވޭނެއެވެ. 

ކައިވެނިނުކޮށް ވަރިކުރާ ވާހަކަ ބުނުމުން ޙައިރާންވެދާނެއެވެ. މިހާރަކަށް އައިސް ގިނަ ބައަކު ކައިވެނިކުރަނީ ކައިވެނިނުކޮށް އެތައް ބައަކު ވަރިކޮށްފައެވެ. މިބުނާ ވާހަކައަކީ ކައިވެނިނުކޮށް އެތައް ބައަކާއިއެކު ކައިވެނިކޮށްގެން އުޅޭގޮތަށް އުޅުމަށްފަހު ވަކިވާ ވާހަކައެވެ.  

އެއިރުން އެމީހުންގެ ހިތުގައި ކައިވެނިކުރުމަކަށް މުހިންމުކަމެއް ނޮއޮވެއެވެ. އަދި ވަރިކުރާކަށް ނުވަތަ ވަރިވާކަށް ކަންބޮޑުވުމެއްވެސް ނުއޮވެއެވެ. މިއީ ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައެވެ. ޙައްލުކުރަން އެންމެ އުނދަގޫބޮޑުވެފައިވާ މައްސަލައެވެ.

ވަރިކުރުމަކީ ނުވަތަ ވަރިވުމަކީ އެއްވެސް ބޮޑުކަމެއްގެ ގޮތުގައި އިޙްޞާޞް ނުކުރެވި ވަރި މިހައި ގިވަމުންދާ ސަބަބާއިމެދު އަހުރެންގެ ވިސްނުން ހާމަކޮށްލާނަމެވެ. އެސަބަބަކީ ކުރިން މިބުނި ސަބަބެވެ. ކައިވެނިނުކޮށް ތިބެ ކައިވެނިކުރުމަށްފަހު ދެމީހުން ހިންގަންޖެހޭ ގުޅުން ހިންގާކަމެވެ. އެތައް ބައަކާއިއެކުވެސް ގުޅުން ހިންގާ ކަމެވެ.  

ދީނީ ގޮތަށް ބުނާނަމަ ހުރިހާވެސް މައްސަލައަކީ ފާޙިޝް ޢަމަލުތައް ކުރުމާއި ޒިނޭވެސް ކުރާކަމެވެ. އެފަދަ ފާފަތައް ކުރަން ހަދައިގެން ހިތް ތަޣައްޔަރުވެ، ކުނިވެ ފަސާދަވާފަހުން ކައިވެނިކުރާ ކަމެވެ. އެފަދަ ކުނި ހިތަކުން މީހަކު ދެކެ ޙަޤީޤީ ލޯތްބެއް ނުވެވޭނެއެވެ. އެފަދަ މީހުން ކައިވެނިކުރާނީ ކައިވެނި ރަޖިސްޓްރީކުރުމުން ދިރިއުޅެން ފަސޭހަވާނެކަމަށް ބަލައިގެންނެވެ. ކޮންމެހެން އަނެކާއަށް ޙަޤީޤީ ލޯބިދީގެން އުފާވެރި ދިރިއުޅުމެއް އުޅޭކަށް ނޫނެވެ.  

ވީމާ ފުރަތަމަ ކަމަކަށް ތިމާއަކީ ޢިއްފަތްތެރިއަކަށްވާށެވެ! ކައިވެނީގެ ކުރިން ފާޙިޝް ޢަމަލުތައްކޮށް ހިތް ކުނިކޮށްފައިވާ މީހަކު ތައުބާވެ ހިތް ޠޯހިރު ނުކުރަނީސް އެފަދަ މީހަކާއި ކައިވެނި ނުކުރާށެވެ! ތައުބާވެ ޢަމަލުތައް އިޞްލާޙްކޮށްފިނަމަ ބަލައިގަންނާށެވެ! ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން