ޢުމުރުން 70 އަހަރުގެ އަންހެނަކު ޢޭނާގެ ޙަޔާތުގެ ވާހަކަތައް ކިޔައިދެމުން ބުނެފައިވެއެވެ. "އަހުރެންނަށް އޮތީ އެންމެ ކަންބޮޑުވުމެކެވެ. އެއީ އަހުރެންގެ ޢުމުރުން 28 އަހަރުގަ، ކައިވެންޏަށް 3 ވަނަ އަހަރު ފިރިމީހާ ބޭވަފާތެރިވި މައްސަލައެވެ. އެކަމުގެ ސަބަބުން އިތުބާރު ގެއްލުނުކަމެވެ. އަހަރެން މާފުކުރީމެވެ. ފިރިމީހާވެސް އެކަމުގައިވީ ވަޢުދު ދެމެހެއްޓިއެވެ. އެކަމަކުވެސް އެހަނދާންވުމުން މިހާރުވެސް ހިތަށް ތަދުވެއެވެ."
ވީއިރު މިއީ ކުޑަކަމެއް ކަމަށް ވިސްނަން ހެޔޮނުވާނެއެވެ. ކައިވެންޏަށްފަހު ޢިއްފަތެރިކަމުގައި ތިބޭ މީހުންނަށް މިއަށްވުރެ ބޮޑުކަމެއް ނުއޮންނާނެއެވެ.
"އަހުރެންނަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެއެވެ. އެކަން އިޙްޞާޞްކުރެވި ހިތަށް ވަރަށް ބޮޑަށް އެބަ ތަދުވެއެވެ. އަހުރެން ތިބާ އާއި ވަކިވެގެންދާކަށް އެގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ތިބާގެ ޙަޔާތުން އަހުރެން ބޭރުކޮށްނުލާށެވެ! އަހުރެންނަށް މާފުކުރާށެވެ! އާދޭސްކޮށްފައި ބުނަމެވެ. އަދި އެއް ފުރުޞަތު ދޭށެވެ!"
ލޮބުވެތި އެކުވެރިންނޭވެ! މިއީ ބުނެލަން ވަރަށް ފަސޭހަ ބަސްތަކެކެވެ. މިފަދަ ބަސްތައް ބުނީމާ އަނެކާއަށްވެސް ވަރަށް އަސަރުކުރާނެއެވެ. އެހެނަސް ވިސްނައިލާށެވެ! މިފަދަ ޙާލަތުގައި މާފުކުރަން ބޭނުންވި ނަމަވެސް ހިތުގެ އެންމެ ފުންމިނުން މާފުކުރެވޭނީ ހަމަ ވަރަށް މަދުމީހަކަށެވެ.
ޒަވާޖީ ޙަޔާތަކަށް ފެށުމަށްފަހު ކައިބޮއިހެދުމަށްވުރެވެސް މުހިންމުކަން ބޮޑީ މިފަދަ ޙާލަތެއް ކުރިމަތިވިޔަނުދޭން ދެމީހުންވެސް މަސައްކަތްކުރުމެވެ. ސަބަބަކީ ވާލޯބި ބޮޑުކަމުން ފަހަރެއްގައި މާފުކުރެވުނަސް އެކަން ހިތުން ފުހެލުމަކީ ކުރަން ފަސޭހަކަމަކަށް ނުވާނެކަމެވެ.
ކިތަންމެ ދަތިޙާލުގައިވެސް ލޯބިން އުޅެވިދާނެއެވެ. ނަމަވެސް އިތުބާރު ގެއްލިއްޖެނަމަ ލޯބިން އުޅުން ވާނީ ވަރަށް އުނދަގޫކަމަކަށެވެ. ހިތުގައި ފޫހިކަން އުފެދޭނެތީއެވެ. "އެހެން ކޮންމެ ކަމަކަށްވެސް މާފުކޮށް ހަނދާން ނައްތައިލެވިދާނެއެވެ. ނަމަވެސް އިތުބާރު ގެއްލިއްޖެނަމަ އަނބުރާ އިޢާދަ ގިނަ ފަހަރު އޮންނާނީ ނުކުރެވިފައެވެ." މިޙަޤީޤަތް އަބަދުވެސް ޤަބޫލުކުރަންވާނެއެވެ.
ދެން ވިސްނަންޖެހޭ ކަމަކީ މިފަދަ ބަސްތައް ބުނެ މާފަށް އެދެންޖެހޭ ޙާލަތު ގިނަ ފަހަރަށް ކުރިމަތިވަނީ ނުބައި އެކުވެރިން ގެންގުޅެވޭތީއެވެ. އެމީހުންގެ ބަހަށް ހެއްލެވޭތީއެވެ. އެމީހުން އުޅޭ ނުބައި ގޮތް ވާރުތަކުރާތީއެވެ. އެނޫން ގޮތަކަށް މިފަދަ ޙާލަތެއް ކުރިމަތިވާނީ ހަމަ ވަރަށް މަދުފަހަރަކުއެވެ.
ކޮންމެއަކަސް ފަށަމުން ބަޔާންކުރި ފަދަ ބަސްތައް ބުނަން ނުޖެހޭނެ ގޮތަށް އުޅެން މަސައްކަތްކުރާށެވެ. ފަހަރެއްގައި އެފަދަ ކަމެއް މެދުވެރިވިނަމަވެސް އެއީ އެންމެ ފުރަތަމަ އަދި އެންމެ ފަހު ފަހަރުކަމަށްވެސް ހަދައި ނަމަނަމަ ތަކުރާރުނުކުރާށެވެ!
- އަލަފް / މިއަދުނޫސް