އަނބިމީހާ ވަރިކޮށް ފޮނުވައިލީމާ ވިޔަފާރި ހީނަރުވެ ސަލާމަތް ނުވެވުމުން އައިސް މާފަށް އެދި އަނބިމީހާގެ ހެޔޮދުޢާ ހޯދީމާ ކުރިއަރައިގެންދިއަ މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
އަނބިމީހާ ވަރިކޮށް ފޮނުވައިލީމާ ވިޔަފާރި ހީނަރުވެ ސަލާމަތް ނުވެވުމުން އައިސް މާފަށް އެދި އަނބިމީހާގެ ހެޔޮދުޢާ ހޯދީމާ ކުރިއަރައިގެންދިއަ މީހެއްގެ ވާހަކަ-

އެއީވެސް ވަރަށް ލޯބިން އުޅެމުން އައި ދެމަފިރިންނެވެ. ފިރިމީހާ ކުރަނީ ކުޑަވަރެއްގެ އަމިއްލަ ވިޔަފާރިއެކެވެ. އަނބިމީހާ ބައިންދަނީ ގޭގައެވެ. ކައިވެންޏަށްފަހު ވިޔަފާރިކުރިއަރަން ފެށިއެވެ. ތަނަވަސްކަން އިތުރުވިއެވެ.  

ފިރިމީހާއަށް ވިސްނުނީ ކުރިއަރައިގެން މިދެވުނީ އޭނާގެ މޮޅުކަމުން ކަމަށެވެ. ނަތީޖާއަކަށްވީ އެގޮތަށް ވިސްނޭ މީހުންނަށް ޢާންމުކޮށް ޖެހޭ ބަލިޖެހުމެވެ. ލޯބިވެރިއަކު ހޯދިއެވެ. އަނބިމީހާ ރޮއިއާދޭސްކުރަމުން ދަނިކޮށް ވަރިކޮށްލިއެވެ.

އަނބިމީހާގެ ތަނަވަސް ބޮޑުބޭބެއަކީ އޭނާދެކެ ވަރަށް ލީބިވާ މީހެކެވެ. ވެރިކުރިކަން އެނގުނު ދުވަހު އެއްފިހާރަ ޙަވާލުކުރިއެވެ. ކުރީ އެންމެ އިލްތިމާސެކެވެ. "ދަރިފުޅާއެވެ! ކެޕިޓަލް ކުޑަވިޔަނުދީ ހިފަހައްޓާށެވެ. ލިބޭ ފައިދާގެ ހަތަރުބައިކުޅަ އެއްބައި އިންވެސްޓްވެސް ކުރާށެވެ! އަނެއް ތިންބައި ދަރިފުޅަށެވެ. މަސައްކަތާއިގެން ކުރިއަށްދާށެވެ."  

އަހުރެއްވެސް ނުވަނީސް ކުރީގެ ފިރިމީހާ އެނބުރި އައިސް މާފަށް އެދުނެވެ. ބުންޏެވެ. "ކުރެވުނީ ވަރަށް ބޮޑުކުށެކެވެ. އެކަން ޤަބޫލުކުރަމެވެ. އަހުރެންގެ މަސައްކަތް ކުރިއަކަށް ނުދިއައެވެ. ކޮންމެ މަހަކު ފަހަތަށް އަންނަމުން އައިސް މިހާރު މިހުރީ ވަރަށް ދަތިޙާލުގައެވެ. އަހުރެން މިއެދެނީ ފައިސާއަކަށް ނޫނެވެ. އަހުރެންނަށް މާފުކޮށްދިނުމަށެވެ. އަދި އަހުރެންނަށްޓަކައި ހެޔޮދުޢާކޮށްދިނުމަށެވެ."  

އަނބިމީހާ އޭނާއަށް މާފުކުރިއެވެ. އޭނާ އެދުނުފަދައިން ޢޭނާއަށްޓަކައި ހެޔޮދުޢާކޮށްދޭން ފެށިއެވެ. ޖެހިގެން އައި އަހަރު ނިމުނުއިރު ހުރީ ކުރިމަތިވި ކަންކަމުން އަރައިގަނެވިފައެވެ. ކުރިއަރައިގެންވެސް ދެވިފައެވެ.

އަނެއކާވެސް އަނބިމީހާއާއި ބައްދަލުކޮށްފައި ބުންޏެވެ. "ލޯބިވާއެވެ! ތިބާގެ ހެޔޮދުޢާއިން އަހުރެންނަށް ފައިދާކޮށްފިއެވެ. ކުރިން އަހުރެންނަށް ނުވިސްނުނު ކަމަކީ އަހުރެން ކުރިއަރަމުން އައީ ގޭގައި އިނދެގެން ތިބާކޮށްދިން ހެޔޮދުޢާއިން ކަމެވެ. ﷲ ގަންދީ ބުނަމެވެ. ދެން ދުވަހަކުވެސް ތިބާ ދެރަވާނެ އެއްވެސް ކަމެއް ނުކުރާނަމެވެ. އަލުން ކައިވެނިކުރަމާ ހިނގާށެވެ!"  

އަނބިމީހާ ޖަވާބުދިނީ އިސްތިޚާރާ ކޮށްފައެވެ. ދެމީހުން އަލުން ގުޅުނެވެ. ނަމަވެސް ވިޔަފާރި ކުރިއަށް ގެންދިއައީ ވަކިންނެވެ. ބޭނުންނަމަ އެއްކޮށްލަން ބޮޑުބޭބެ ބުނުމުންވެސް އެގޮތް ޤަބޫލުނުކުރީ ހިތިމާޒީގެ ހަނދާނަތައް ފިލުވައި ނުލެވޭތީއެވެ. އަދިވެސް ޔަޤީންކަމެއް ނެތުމުންނެވެ.

މިއީ ބޭރު ޤައުމެއްގައި ހިނގި ކަމެއް ނޫނެވެ. މީގެ 5 އަހަރުވަރުކުރިން ހަމަ މިމާލޭގައި ހިނގާފައިވާ ކަމެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ފިރިން ކުރިއަރައިދާން ކުރާ މަސައްކަތުގައި ބަރަކާތް ލެއްވެވުމަށް އެދޭނަމަ އަނބިން ގޭގައި ތިބެ ކުރާ ދުޢާގެ އަގުވަޒަންކުރާށެވެ! އަނބިމީހާގެ ހެޔޮދުޢާ ލިބޭ ފިރިއަކަށް ދެރަގޮތެއް މެދުވެރިވަނީ ވަރަށް މަދުންނެވެ. އަހުރެންނަށް ފެނުނުތަނުގައިވަނީ ކުރިއަރައިގެން ގޮސްފައެވެ.

 

- ފާތުން / މިއަދުނޫހުގެ ކިޔުންތެރިއެއް  

- އިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން