ޢިބްރަތްތެރި ވާހަކަ: ބޭވަފާތެރިވެ ވަރިވެގެންދިއަ އަނބިމީހާ އާދޭސްކުރީމާ އޭނާއަށް ލިބުނު ދަރިފުޅު ﷲ ގެ ރަޙްމަތަށް އެދިގެން ބަލައިދިން ޒުވާނަކަށް ލެއްވެވި ބޮޑު ރަޙުމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 46ސ
ޢިބްރަތްތެރި ވާހަކަ: ބޭވަފާތެރިވެ ވަރިވެގެންދިއަ އަނބިމީހާ އާދޭސްކުރީމާ އޭނާއަށް ލިބުނު ދަރިފުޅު ﷲ ގެ ރަޙްމަތަށް އެދިގެން ބަލައިދިން ޒުވާނަކަށް ލެއްވެވި ބޮޑު ރަޙުމަތުގެ ވާހަކަ-

ޒަވާޖީ ޙަޔާތުގެ ބައިވެރިޔާ ބޭވަފާތެރިވެއްޖެނަމަ ދެރަވުމުގެ އިތުރަށް ރުޅިވެސް އައުދެވޭނެއެވެ. އެއީ ޠަބީޢީ ކަމެކެވެ. އެހެންކަމާއިއެކުވެސް ﷲ ތަޢާލާއަށްޓަކައި އެހީތެރިވާންޖެހޭ ޙާލަތުގައި އެކަންކަން ހަނދާންނުކުރާށެވެ. އެހީތެރިވާށެވެ! އެކަމުން ލައްވަވާނެ ރަޙުމަތުގެ ބޮޑުކަން ޚިޔާލަށްވެސް ނުގެނެވޭނެކަން މިލިޔުމުގައިވާ ޙާދިސާއިންވެސް އެނގިލައްވާނެއެވެ. އިން ޝާ ﷲ 

އަޅުގަނޑުމެންގެ ކައިވެންޏަށް 5 އަހަރުވީއިރުވެސް ދަރިއަކު ނުލިބެއެވެ. އެއިރު އަޅުގަނޑުގެ އުމުރަކީ 27 އަހަރެވެ. އަނބިމީހާގެ އުމުރަކީ 24 އަހަރެވެ. ވީމާ ޢުމުރުގައި އަދި ތަން އޮތްކަމަށް ބަލައި އެކަމާއި އެހައި ބޮޑަށް ކަންބޮޑުވެގެނެއް ނުއުޅުމެވެ. ނަމަވެސް ދެމީހުންވެސް ތިބީ ވަރަށް ބޮޑަށް ދަރިއަކަށް ބޭނުންވެގެންނެވެ. ދަރިއަކު ނެތްކަމުގެ ނިކަމެތިކަން ދިއައީ އިޙްޞާޞްކުރަމުންނެވެ.  

ކުއްލިއަކަށް އަނބިމީހާގެ ކިބައިން ވަރަށް ބޮޑު ބަދަލެއް ފެންނަން ފެށިއެވެ. އެއީ ލަސްވަންދެން އޮފީހުގައި މަސައްކަތްކުރަން އިންނަން ފެށުމެވެ. ސުވާލުކުރުމުން ބުނަނީ ޕްރަމޯޝަން ހޯދުމުގެ ބޭނުމުގައި ކަމަށެވެ. ގެއަށް އައުން ދުވަހެއް ދުވަހަކަށް ލަސްވަމުން ގޮސް ރޭގަނޑު 11 ޖަހާއިރަކީ އެންމެ އަވަސްގަޑިއަށްވެސް ވިއެވެ.

ވަޒީފާގައި އުޅޭނަމަ އެފަދަ ކަންކަންވެސް ކުރިމަތިވާނެ ކަމަށް ބަލައި އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ގެއަށް އަންނަންވާއިރަށް ކޮންމެވެސް ކާއެއްޗެއް ކައްކާފައި ނުވަތަ ގަނެފައި ބެހެއްޓޭތޯވެސް ބަލަމެވެ.  

އެގޮތަކަށް ހައަކަ މަސްދުވަހު އުޅެފައި އެދުނީ ވަރިއަށެވެ. ސަބަބަކަށްބުނީ އެކުގައި އުޅެން ފޫހިވާތީކަމަށެވެ. އެހެން ބުނުމުންވެސް އެއްވެސް ޝަކުވާއެއް، ސުވާލެއްވެސް ނުކޮށް ވަރިކޮށްދިނީމެވެ.  

ގެއިން ނުކުމެގެންދިއަތާ ބަރާބަރު 13 މަސްފުރުނު ދުވަހުގެ ރޭ 9 ޖަހަނިކޮށް މީހަކު ބެލްޖެހުމުން ދޮރުހުޅުވިއިރު އޭނާ އައިސްހުރީ ތުއްތު ދަރިއަކު ގޮވައިގެންނެވެ. ވާހަކަ ދައްކާލަން ބޭނުންކަމަށް ބުނުމުން ބޭރުގައި ހުރެ ވާހަކަދައްކަން ބުނީމެވެ. ނަމަވެސް ތަކުރާރުކޮށް އެދެންފެށުމުން ގެއަށް ވެއްދީމެވެ. ގެއަށް ވެއްދުނީ އެތުއްތުތުއްތު ދަރިފުޅަށްޓަކައި ކަމަށް ބުނުމުން ކުރިއަސަރުންނެވެ.

ވަރަށް ދެރަވެފައި ބުނީ އޭނާއަށް ކަންކަން ކުރެވުނީ ވަރަށް ގޯސްކޮށްކަން ޤަބޫލުކުރާ ކަމަށާއި އެނބުރި މިއައީ އެހެން އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ. ކައިވެނިކުރިމީހާ ވަރިކޮށްލާފައި ދަރިފުޅާއިއެކު ގެއިން ނެރެލުމުން ވަންނާނެ އެއްވެސް ބޯހިޔާވަހިކަމެއް ނެތުމުން ކަމަށެވެ. އޭނާއަށް ގޮތެއް ފެންނަންދެން ގޭގައި ބައިންދާލަދިނުން ވަރަށް ބޮޑަށް އެދޭކަމަށެވެ. ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ގޮތެއް ހޯދައިގެން ގެއިން ނުކުންނާނެ ކަމަށެވެ.  

ހަފްތާއެއްވީދުވަހު ހެނދުނު ދިއަ ގޮތަކަށް ގެއަކަށް ނައުދެއެވެ. ރޭގަނޑު ފޯނުކޮށްފައި ބުނީ މިހުރީ އެހެން ޤައުމެއްގައި ކަމަށާއި ދަރިފުޅު ބަލައި ވަރަށް އަވަހަށްދާނެ ކަމަށެވެ. ދެވެންދެން ދަރިފުޅު ބަލައިދިނުމަށް އެދޭކަމަށެވެ.  

ގޭގައި އުޅެނީ އެކަންޏެވެ. ދަރިއަކު ބެލުމުގެ އެއްވެސް ތަޖުރިބާއެއް ނެތެވެ. އެހެންވެ ކަންބޮޑުވީވަރުން މަންމައަށް ގުޅީމައި ބުންޏެވެ. "ދަރިފުޅާއެވެ. އޮތީ ތިން ގޮތެކެވެ. ދަރިފުޅު ކުއްޖާދެކެ ލޯބިވާނަމަ ބަލައިދޭނެ އަންހެނަކު ހޯދައިގެން ގެއަށް ގެންނާށެވެ. އަންހެނަކު ގެއަށް ގެންނަން ބޭނުންނުވާނަމަ ބަލައިދޭނެ އަންހެނަކު ހޯދައި އޭނާ އާއި ޙަވާލުކޮށްގެން ބަލަހައްޓާށެވެ! 3 ވަނަ ގޮތަކީ ގެންގޮސް ޔަތީމްޚާނާއަކާއި ޙަވާލުކުރާށެވެ. މި 3 ގޮތުން ދަރިފުޅު ބޭނުންވާ ގޮތެއް އިޚްތިޔާރުކުރާށެވެ. މިގޭގައި ތިބި މާމަކުދިން ބަލަމުން އިތުރު ކުއްޖަކު ބަލާނެ ވަރެއް މަންމަގައަކު ނެތެވެ."  

ކޮންމެއަކަސް އޭނާ އިޚްތިޔާރުކުރީ ކުއްޖާ ބަލައިދޭނެ އަންހެނަކު ގެއަށް ގެނެސް އޭނާއަށް މުސާރަދީގެން ކުއްޖާ ބެލުމަށެވެ. އޭނާ ޤަބޫލުކުރީ އެއީ ﷲ އޭނާއަށް ކުރިމަތިކުރެއްވެވި އިމްތިޙާނެއް ކަމަށެވެ. ވީމާ އެކުއްޖާ ބެލުމަކީ ﷲ އަށްޓަކައި ކުރަންޖެހޭނެ ކަމެއް ކަމަށެވެ.  

ކުއްޖާ ބަލައިދޭނެ އަންހެންކު ހޯދަން ފޭސްބުކްގައި އިޝްތިހާރުކުރުމުން ކުރިމަތިލި އަންހެނުންގެ ތެރެއިން އޭނާއަށް އެންމެ ރަނގަޅުވި އަންހެން މީހާއަށް ވަޒީފާދީ ގެއަށް ގެނުވިއެވެ. އޭނާވީ ހުރިހާ ގޮތަކުންވެސް ވަރަށް ރީތި އަންހެނަކަށެވެ. ސިފަވެސް ރީއްޗެވެ. އަޚްލާޤްވެސް ރީއްޗެވެ. އެހައިމެ ތަޤްވާވެރިއެވެ. ވީމާ އޭނާވީ ހުރިހާ ގޮތަކުން ރީތި އަންހެނަކަށެވެ.  

އޭނާގެ ކިބައިން އެކަންކަން ޔަޤީންކުރެވުމުން ދެމީހުން މަޝްވަރާކޮށްފައި ކައިވެނިކުރީއެވެ. ކައިވެނިކުރިތަނާ އޭނާއަށް ވަޒީފާގެ ބޮޑު ޕްރަމޯޝަނެއް ލިބި ލިބޭ އާމްދަނީ 3 ގުނައަށް އިތުރުވިއެވެ.  

ދުވަސްކޮޅަކުން އަނބިމީހާ ބަލިވެއިނުމުން ކުއްޖާ އާއި އަނބިމީހާ ބެލުމަށް އެހީތެރިވާނެ އަންހެނަކު ހޯދީއެވެ. މިހާރު އެދެމަފިރިންނަށްވެސް ވަނީ 3 ކުދިން ލިބިފައެވެ. ދިރިއުޅެމުން އަންނަނީ ވަރަށް އުފަލުގައެވެ. ފުދިގެން ތަނަވަސްކަމުގައެވެ.

މިއީ މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ވާހަކައެއްކަމަށް އުންމީދުކުރަމެވެ. ބުނެލަން ބޭނުންވަނީ ތުއްތުކުއްޖަކު ބަލަހައްޓަން (ގެންގުޅެން) ފުރުޞަތު ލިބިއްޖެނަމަ އެފުރުޞަތުގެ ބޭނުން ހިފާށެވެ. އެކުއްޖާގެ ސަބަބުން ތިމާއަށް ލައްވަވާނީ ކޮންފަދަ ބޮޑު ރަޙްމަތެއް ކަމެއް ވިސްނަންވެސް ނުއެނގޭނެއެވެ.

 

- ވަޙީދު / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

މިއަދު އޮންލައިން