އަޅުގަނޑުވެސް ކައިވެނިކުރީ އޮފީހުގައި ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. ފިރިމީހާވެސް ވަޒީފާއަދާކުރެއެވެ. ދެމަފިރިން އުޅެމުން އައީ ވަރަށް ލޯބިންނެވެ. ހަމައެކަނި މައްސަލައަކީ މައިދައިތައެވެ. އޭނާއަށް ކަމުދާ ގޮތަށް އެއްވެސް ކަމެއް ނުކުރެވޭ ކަމެވެ.
އެއީ ހުކުރުވިލޭރެއެކެވެ. އޮފީހުން ނިމިގެން ގެއަށް އައުދެވުނީ ރޭގަނޑު 9 ޖަހަނިކޮށެވެ. ގެއަށްވަނުމާއިއެކު ފުރަތަމަ ފެށީ އޮފީހުގައި ލަސްވީތީއެވެ. ރޭގަނޑަށް ކެއްކުން ލަސްވެގެންނެވެ. އަނގައަކުން ނުބުނަމެވެ. ކޮޓަރިއަށް ގޮސް ހެދުން ބަދަލުކޮށްގެން އައިސް ކެއްކީއެވެ. ވަރުބަލިވެފައިހުރިވަރުން މަސްދަޅު ރިހަ ކައްކަން އުޅުމުން ކަމަކު ނުދިއައެވެ. ބޭނުންވީ ފްރިޖުން މަސްނަގައި ގަނޑުފިލުވައިގެން ކއްކާށެވެ.
އެއީ ފުރަތަމަ ފަހަރަށް މައިދައިތަ ބުނި ގޮތަށް ކަންތައް ނުކުރި ރެއެވެ. ނުކުރީ ވަރުބަލިވެފައިހުރިވަރުންނެވެ. ކައްކައި ނިމި ދެމަފިރިން ކައިގެން ގޮސް އޮށޯތީއެވެ. ފަތިހު ހޭލައި ފަތިސް ނަމާދުކޮށްގެން ނިދީއެވެ. ވަރުބަލިވެފައިހުރިވަރުންނެވެ. ސައިހެދުން ލަސްވެލިޔަސް އެންމެ ރަނގަޅުކަމަށް ފިރިމީހާ އެއްބަސްވުމުންނެވެ.
ހޭލައިގެން ނުކުތްތަނުން ފަށައިގެންފިއެވެ. ކެއްކި ތެލިތައް ނުދޮވެ ހުރެގެންނެވެ. އަންނައުނު ދޮވުން ލަސްވެގެންނެވެ. ކިޔާނެހައި އެއްޗެއް ކިޔައި ނިމުނީމައި ބުނީމެވެ. "މަންމާއެވެ! ދެން މަންމަގެ ކަންކަން މަންމަ ކުރާށެވެ! ބަލިވެއްޖެނަމަ ކަންކަން ކޮށްދޭނަމެވެ. އޮފީހަށްދަމުން ގޭގެ ކަންކަން ކުރަމުން މިއުޅޭ ބުރަކަމެއް މަންމައަކަށް ނުވިސްނެއެވެ. ވީމާ ދެން ރަނގަޅުވާނީ އެގޮތެވެ."
އެހެން ބުނުމުން ފިރިމީހާއަށް ގޮވައި ގެނެސްފައި ޝަކުވާތައް ކުރަންފެށުމުން ފިރިމީހާ ބުނީ ދެން ރަނގަޅުވާނީ އަހުރެމެން ދެމީހުން މިގެއިން ދިއުންކަމަށެވެ. ދިއަނަމަވެސް މަންމަގެ ޙާލުބަލާނެ ކަމަށާއި ޚަރަދުކުރާނެ ކަމަށެވެ.
"މަންމާއެވެ! ދުވަހަކުވެސް ޒީނިޔާކުރާ އެއްވެސް ކަމެއް ކަމަކު ނުދެއެވެ. ކޮންމެވެސް ޝަކުވާތަކެއް ނުކުރާ ދުވަހެއް ނުދެއެވެ. މިއީ އެކުގައި އުޅެވޭނެ ގޮތެއް ނޫނެވެ. ޒީނިޔާ ބަހެއް ތިއަބުނީ ވަރަށް ގިނަ ދުވަހު ކެތްކޮށްފައެވެ. ތިއަކަމާއިހުރެ ޒީނިޔާއަށް ބަހެއް ބުނާކަށް ނެތީމެވެ. މިޒަމާނުގައި ޅީދަރިއަކު ކެތްތެރިނުވާނެ ވަރަށް ޒީނިޔާ ކެތްތެރިވެއްޖެއެވެ."
އެއިގެ ފަހުން މައިދައިތަ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ސަބަބަކަށްވީ ފިރިމީހާގެ ނިންމުން ހަރުދަނާކަމެވެ. އިންޞާފަށް ބަސްބުނިކަމެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަޅުގަނޑުގެ ފިރިމީހާ ފަދައިން ޢަދުލަށް ހުރިހާ ފިރިންވެސް ބަސްބުނާނަމަ މައްސަލަތައް ޙައްލުވާނެއެވެ. މައްސަލަތައް ގޯހުން ގޯހަށްދަނީ ޢަދުލަށް ބަސްނުބުނާތީއެވެ.
- ނާޒްލީން / މިއަދުނޫހުގެ ކިޔުންތެރިއެއް