އެމްޑީޕީގެ ވެރިކަން ނިމުނުއިރު، ރާއްޖޭގެ އިޖުތިމާއީ ފޭރާން ގެއްލި އާއިލީ ގުޅުންތައް ވެސް އޮތީ ހީނަރުވެފައި ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ އިޖުތިމާއީ ފޭރާން އޮތީ ގެއްލިފައި ކަމަށެވެ. އެގޮތުން ވާހަކަ ދައްކާނެ ރިވެތި ބަހުރުވައެއް ނެތުމާއި، މުޖުތަމައު ތެރޭގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމެއް ނެތުމުގެ އިތުރުން، އާއިލީ ގުޅުންތައް އޮތީ ހީނަރުވެފައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އޭރު އޮތީ ސިޔާސީ ގޮތުން ހަލަބޮލިކަން އުފެއްދުން ކަމަށާއި، ނަމަވެސް އެ ހުރިހާ ކަމަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވެވަޑައިގެންނެވީ ކެތްތެރިކަމާ އެކުގައި ގައުމު ބިނާކުރުމުގެ މަސައްކަތުގައި ކަމަށްވެސް ވިދާޅުވި އެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ، ސިޔާސީ ވާދަވެރިންގެ ބަސްމަގު ހުރި ގޮތާއި، ޒާތީވުމާއި ހަސަދަވެރިވުން މުޖުތަމައުގައި އޮތް މިންވަރު ފެންނަން އެބައޮތް ކަމަށެވެ. އަދި އަންނަން އޮތް ޖީލަށް ކަންކަން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ނުވާނެ ހުރިހާ ގޮތެއް ދައްކައި، ބައިބައިވުމަށް ފުރުސަތު ހޯދަމުންދާއިރު ވެސް، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ދުވަހަކުވެސް އެފަދަ މޭރުމަކުން ވާހަކަފުޅު ނުދައްކަވާ ކަމަށާއި ދައްކަވަނީ ރިވެތި ނަމޫނާއެއް ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މި ހުރިހާ ކަމެއް އަލުން އިއާދަކުރައްވައި، ގައުމު އާރާސްތުކުރުމަށާއި އައު ޖީލެއް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ނައިބު ރައީސް ވަނީ ވިދާޅުވެފަ އެވެ.