ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް، ސަރުކާރުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން، އަންނަ އަހަރު ސްމާޓް އައިޑީ ކާޑު ތަޢާރަފުކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްކުރުމާއި، ކޮރަޕްޝަން ނައްތާލުމުގެ އިތުރުން ދެފުށްފެންނަ ގޮތަށް ޓެކްނޮލޮޖީގެ އެހީގައި ދައުލަތުގެ އިދާރާތައް ހިންގުން ހަރުދަނާ ކުރުމަކީ ރައީސް މުޢިއްޒުގެ މުހިންމު ތަޞައްވުރެއް ކަމަށެވެ. އަދި އެ ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި އެކި ދާއިރާތަކުން ދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ފުޅާ މަސައްކަތްތަކެއް ކުރެވެމުންދާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ސިޔާސަތުގެ މައިގަނޑު އެއް ބިންގަލެއްގެ ގޮތުން، އާންމު ރައްޔިތުންނަށް ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ޒަމާނީ "ޑިޖިޓަލް އައިޑެންޓިފިކޭޝަން ސިސްޓަމް" ނުވަތަ "ސްމާޓް އައިޑީ ކާޑު" އަންނަ އަހަރު ރަސްމީކޮށް ތަޢާރަފުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ޑިޖިޓަލް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤައުމީ ފެންވަރުގެ ކްލައުޑް ޑޭޓާ ސެންޓަރެއް ("ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރު") ޤާއިމުކުރުމުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ. ސަރުކާރުން ދެކޭގޮތުގައި މި މަޝްރޫޢުތައް ތަންފީޒުވުމާއެކު ރާއްޖޭގެ ޓެކްނޮލޮޖީ އަދި އައިޓީ އިންފްރާސްޓްރަކްޗަރ އަށް އިންޤިލާބީ ބޮޑު ކުރިއެރުމެއް އަންނާނެއެވެ.