މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރިއަށްގެންދާ ގޭބިސީތަކުގެ އާމްދަނީއާއި ޚަރަދުކުރުމުގެ ސަރވޭ މާލެ ސަރަޙައްދުގައި ރަސްމީކޮށް ފަށައިފިއެވެ. "ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ ސަރވޭ (އެޗް.އައި.އީ.އެސް) 2026" ގެ ނަމުގައި ކުރިއަށްގެންދާ މި ސަރވޭއަކީ ރާއްޖޭގެ ގޭބީސީތަކުގެ އާމްދަނީއާއި ޚަރަދުތައް ހުންނަގޮތް ބެލުމަށް ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ މުހިންމު ސަރވޭއެކެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މަޢުލޫމާތު ދެއްވާ ގޮތުގައި މާލެ ސަރަޙައްދުގައި މި ސަރވޭ ކުރިއަށްދާނީ މި ހިނގާ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި އެ އިދާރާގެ ޓީމުތަކުން ގޭބިސީތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު އެއްކުރަމުންދާނެއެވެ. އަދި މަޢުލޫމާތު ނެގުމުގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުންވެސް ބިއުރޯގެ ރަސްމީ އައިޑީ ކާޑު ބޭނުންކުރާނެ ކަމަށް އެ އިދާރާއިން ބަޔާންކުރައްވައެވެ. އެހެންކަމުން، މި ސަރވޭއަށް އާންމުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެ އިދާރާއިން ވަނީ އެދިވަޑައިގެންފައެވެ.
މި ސަރވޭގެ މައިގަނޑު ބޭނުމަކީ ގޭބީސީތަކުގެ އެވްރެޖް ޚަރަދާއި އެކި ކަންކަމަށް ފައިސާ ހޭދަކުރާ މިންވަރު ދެނެގަތުމެވެ. މީގެއިތުރުން، މި ސަރވޭގެ އަލީގައި ރާއްޖޭގެ ފަޤީރުކަމުގެ މިންގަނޑު އެކުލަވާލުމާއި، ބާޒާރުގެ އަގުތަކުގެ މިންގަނޑުގެ ބުރަދަން (ސީޕީއައި ވެއިޓްސް) އިސްލާޙުކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައްވެސް އެއްކުރެވިގެންދާނެއެވެ.
މި ސަރވޭގެ ތެރެއިން ގޭބިސީތަކުގެ އެވްރެޖް އާމްދަނީއާއި ޚަރަދުތައް ބެހިފައިވާ ގޮތުގެ އިތުރުން، ތަޢުލީމީ ފެންވަރާއި، ވަޒީފާއާއި، ހިޖުރަކުރުމުގެ މަޢުލޫމާތު އަދި އާމްދަނީ ނުލިބި އަމިއްލަ ގޭބިސީއަށާއި އާއިލާއަށް ކޮށްދޭ ޚިދުމަތްތަކުގައި ހޭދަކުރާ ވަގުތު ބެލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގޭބިސީގައި ބޭނުންކުރާ ހަރުމުދަލާއި، ފޯނު، ކަރަންޓު އަދި ފެން ބިލުތަކަށް ހިނގާ ޚަރަދާއި، ދަތުރުފަތުރު، ޞިއްޙަތު، ތަޢުލީމު، އަންނައުނު އަދި ކާބޯތަކެއްޗަށް ކުރެވޭ ޚަރަދުތަކުގެ އިތުރުން ލޯނުތަކާއި ކްރެޑިޓަށް ނަގާފައިވާ ތަކެތީގެ މަޢުލޫމާތުވެސް މި ސަރވޭގައި އެއްކުރެވޭނެއެވެ.
އާންމުކޮށް ކޮންމެ 5 އަހަރު ނުވަތަ 6 އަހަރަކުން އެއްފަހަރު ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ މި ސަރވޭ އެންމެ ފަހުން ރާއްޖޭގައި ކުރިއަށްގެންގޮސްފައިވަނީ 2019 ވަނަ އަހަރުއެވެ.