ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ފަރާތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، މި ދާއިރާގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ "ރިވެލި އެވޯޑު" އަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީދިނުމުގެ ޤާނޫނާއި، އެފަރާތްތަކަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ "އޯގާތެރި މުޖުތަމަޢު" ގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ހިންގާ މުހިންމު ޤައުމީ ހަރަކާތެކެވެ. މި އެވޯޑު ދިނުމުގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ޚިދުމަތްތައް ފާހަގަކުރުން ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި އެވޯޑުން ޙާޞިލުކުރަން ބޭނުންވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމާއި، އެފަރާތްތަކުގެ ޙައްޤުތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، މުޖުތަމަޢުގެ އެކި ދާއިރާތަކުން ފުރުޞަތުތައް ފަހިކޮށްދީ އަމިއްލަ މިނިވަންކަމަށް ވަކާލާތުކުރުން ހިމެނެއެވެ.
މި ފަހަރުގެ ރިވެލި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 6 ދާއިރާއަކުންނެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއާއި، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ދާއިރާއާއި، ތަޢުލީމީ ދާއިރާގެ އިތުރުން އަމިއްލަ ޖަމުޢިއްޔާތަކާއި، ފަންނީ އަދި ފަރުދީ އެހީތެރިކަން ދޭ ފަރާތްތަކާއި، އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވާ ކުންފުނިތަކުގެ ދާއިރާ ހިމެނެއެވެ.
ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފޯމާއި އުޞޫލުތައް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވުޒާރާގެ ކައުންޓަރުންނާއި، އެ ވުޒާރާގެ ވެބްސައިޓް health.gov.mv އިންނާއި، އަތޮޅުތަކުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުން ލިބެން ހުންނާނެއެވެ. އަދި ފުރިހަމަކޮށްފައިވާ ފޯމުތައް ވުޒާރާގެ ކައުންޓަރަށް ނުވަތަ [email protected] މެދުވެރިކޮށް މެއިލް ކުރެއްވޭނެއެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 17 ސެޕްޓެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ.
އެ ވުޒާރާއިން ފާހަގަކުރި ގޮތުގައި މިފަދަ އެވޯޑެއް ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖުތަމަޢުގައި ތިބި ޤާބިލު ބައެއްކަން ހާމަކޮށްދިނުމެވެ. އަދި މީގެ ސަބަބުން މުޖުތަމަޢުގެ ތަފާތުކުރުންތައް ކުޑަވެ، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.