ތިލަމާލެ ބުރިޖު މަޝްރޫޢަކީ އިންޑިއާއިން އެ ޤައުމުގެ ބޯޑަރުން ބޭރުގައި ހިންގާ މިފަދަ ޢުމުރާނީ ތަރައްޤީގެ ބިޔަބޮޑު އެންމެ ފުރިހަމަ އެއް މަޝްރޫޢު ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަން ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު މާލެއިން ވިލިމާލެއަށް ފައިމަގުގައި ބޭއްވި ހިނގާލުމުގައި ބައިވެރިވެވަޑައިގެން މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ސަފީރު ވިދާޅުވީ، އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢު ރާއްޖޭގައި ހިންގޭކަމީ އަދި މި މަޝްރޫޢު ފުރިހަމަވެގެން އަންނަތަން ދުށުމަކީ އެކަމަށްޓަކައި ނުހަނު އުފާކުރައްވާ ކަމެއް ކަމަށެވެ.
މީގެއިތުރުން ސަފީރު ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢު ނިމިގެންދިއުމަކީ އެކަމުން ދިވެހިރާއްޖެއަށާއި ރާއްޖޭގެ އުޚުއްވަތްތެރި ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ރައުސުލްމާލެކެވެ. އަދި މާލެއާއި ވިލިމާލެ ބުރިޖުން ގުޅާލެވި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބުރިޖު މަތިން ހިންގަވާލެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ބޮޑު އުފަލެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން ބުރިޖު އެޅުމުގެ ޢަމަލީ މަސައްކަތްތައް ކުރަމުންދަނީ އިންޑިއާގެ މަޝްހޫރު އެފްކޮންސް ކުންފުނިންނެވެ.