ތިލަމާލެ ބުރިޖަކީ ރާއްޖެއާ އިންޑިއާއާ ދެމެދުގައި އޮތް ވަރުގަދަ ގާތް ގުޅުން ރަމްޒުކޮށްދޭ އުމުރާނީ މަޝްރޫޢެއް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 28ސ
ތިލަމާލެ ބުރިޖަކީ ރާއްޖެއާ އިންޑިއާއާ ދެމެދުގައި އޮތް ވަރުގަދަ ގާތް ގުޅުން ރަމްޒުކޮށްދޭ އުމުރާނީ މަޝްރޫޢެއް: ރައީސް

ތިލަމާލެ ބުރިޖަކީ ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދުގައި އޮތް ވަރުގަދަ ގާތް ގުޅުން ރަމްޒުކޮށްދޭ ވަރަށް މުހިންމު އުމުރާނީ މަޝްރޫޢެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން މިއަދު ހަވީރު މާލެއިން ވިލިމާލެއަށް ފައިމަގުގައި ބޭއްވި ހިނގާލުމުގެ ހަރަކާތުގެ ތެރެއިން މީޑިއާތަކަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.

މީޑިއާތަކަށް ދެއްވި މި ބަސްދީގަތުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ)ގެ ދަށުން މާލެއާ ވިލިމާލެއާއި ގުޅިފަޅުގެ އިތުރުން ތިލަފުށި ގުޅުވާލައި އަޅަމުންދާ ބުރިޖު މަޝްރޫޢުގެ މި މަސައްކަތަށް އިންޑިއާ ސަރުކާރުން، ޚާއްޞަގޮތެއްގައި އެޤައުމުގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ނަރެންދްރަ މޯދީ ދެއްވާ ޚާއްޞަ އިސްކަން ފާހަގަ ކުރައްވައި އެކަމަށްޓަކައި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޖީ. ބާލަސުބްރަމާނިއަންގެ އިތުރުން އެޤައުމުގެ ސަރުކާރަށް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރުއަދާކުރައްވާފައެވެ. މި ޚާއްޞަ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު މި ދެރަށް ގުޅާލެވިފައިމިވަނީ މި މަޝްރޫޢުގެ މަސައްކަތުގައި ޢަމަލީގޮތުން ހަރަކާތްތެރިވާ ދެޤައުމުގެ އެކި ފަންތީގެ ޓީމުތަކުން ކުރެއްވި ބުރަ މަސައްކަތުންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވައި، މި އެންމެހާ ފަރާތްތަކަށްވެސް ޙައްޤު ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި މަސައްކަތް މިދާގޮތަށްގެންގޮސް، އިރާދަކުރެއްވިއްޔާ ގިނަވެގެން އަހަރެއްހާ ދުވަހުގެތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި އެ ނިމުން ވެގެންދާނީ، މުޅި މި ގްރޭޓާ މާލެ ސަރަޙައްދުގެ ތަރައްޤީއަށް، އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިކަހަލަ މުހިންމު ހުރިހާ މަޝްރޫޢުތައް ބާރު ސްޕީޑުގައި ގެންގޮސް ނިންމުމަށް ސަރުކާރުން ދެއްވާ އިސްކަން މި މަޝްރޫޢުގެ މަސައްކަތުން ދޭހަވާކަން ފާހަގަކުރެއްވިއެވެ. މިސަރުކާރު ފެށިގެން އައިއިރުގައި ބޮޑެތި ބައެއް މަޝްރޫޢުތައް އެހާ ބާރު ސްޕީޑުގައި ނުގޮސް އެކި ކަހަލަ މައްސަލަތައް ހުރިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރު ވެރިކަމާއި ޙަވާލުވުމަށްފަހު މިފަދަ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަށް ދެއްވަމުންގެންދަވާ ޚާއްޞަ އަހަންމިއްޔަތު ފާހަގަކުރައްވާފައެވެ. އެގޮތުން މި ސަރުކާރު ވެރިކަމާއި ޙަވާލުވުމަށްފަހު މިވީ ކުރު މުއްދަތުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލާއި ހަނިމާދޫ އެއަރޕޯޓުގެ އިތުރުންވެސް ނުނިމިހުރި މުހިންމު މަޝްރޫޢުތައް ބާރު ސްޕީޑުގައި ގެންގޮސް ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތިލަމާލެ ބުރިޖަކީ މިފަދަ މުހިންމު މަޝްރޫޢެއް ކަމަށާއި ކުރިއަށްއޮތްތަނުގައިވެސް އިރާދަކުރެއްވިއްޔާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ޚާއްޞަ އިސްކަމެއްދެއްވައިގެން ނިންމަން ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އިންޑިއާއާ ރާއްޖެއާ ދެމެދުގައި މިއޮތް ގާތްގުޅުން ރަމްޒުކޮށްދޭ މިކަހަލަ މުހިންމު މަޝްރޫޢުތަކަކީ މިސަރުކާރުން ވަރަށް އިސްކަމެއް ދެއްވާނެ މަޝްރޫޢުތަކެއް ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، މިފަދަ މަޝްރޫޢުތަކުގެ މަސައްކަތްތައް، ދެޤައުމުގެ މެދުގައި އޮތް ގާތް ގުޅުން ވަރުގަދަވާނެ ފަދަ ގޮތަކަށް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މިއަދުގެ ހިނގާލުން ކުރިއަށްގެންގޮސް ވިލިމާލެއަށް ނިންމާލުމުން ވިލިމާލޭގެ ގިނަ ޢަދަދެއްގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވިއެވެ. މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން