ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެން އެ ހާދިސާގައި ހިމެނޭ ދެ އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯ ކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު، ވިނަރެސް 7 ކައިރިންނެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ 21:04 އެހާކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ވިނަރެސް 7 ކައިރީގައި މަޑުކޮށްގެން އޮތް ކާރަކަށް އަރަން ދިޔަ މީހެއްގެ ގައިގައި، ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ.
މި ހާދިސާގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ހާމަކުރައްވައެވެ. އެއީ އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ ދިވެހި އަންހެން ކުއްޖާއަށެވެ.
އެކްސިޑެންޓުގައި އަނިޔާވި 9 އަހަރުގެ ކުޑަކުއްޖާއަށް މިހާރު ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދެމުންނެވެ.