ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދެމުން އަންނަ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގައި އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު އެ އެޖެންސީން މިއަދު ހުޅުވާލައިފިއެވެ.
އެންސްޕާއިން ހާމަކުރި ގޮތުގައި އަލުން ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީތައް އިތުރަށް ހަރުދަނާކޮށް، އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް އެ އެހީތައް ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ. އިޖްތިމާޢީ ރައްކާތެރިކަމުގެ އާންމު ގަވާއިދުގެ ދަށުން އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އަދި އެހީ ހައްގުވާ ފަރާތްތަކަށް އެހީ ދެނީ ދެ އަހަރު ދުވަހުގެ މުއްދަތަށް މަހުން މަހަށެވެ.
އެ އެޖެންސީން އިތުރަށް ވިދާޅުވީ، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެހީގެ ދަފްތަރުގައި ރަޖިސްޓްރީވެ، އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން މެދުނުކެނޑި އެހީ ކުރިއަށް ގެންދިއުމަށް އެދޭ ފަރާތްތަކުން ނޮވެންބަރު މަހުގެ ނިޔަލަށް ފޯމު ހުށަހަޅަންޖެހޭނެ ކަމަށެވެ.
މީގެއިތުރުން، އެ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކަށް ދެން އެހީ ކުރިއަށް ގެންދެވޭނީ، އައު ފޯމެއް މެދުވެރިކޮށް އެހީއަށް އެދި ހުށަހެޅުމުން ކަމަށާއި، އަދި އެހީ ދިނުމުގައި ބަލާ މިންގަނޑުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށްވެސް އެންސްޕާއިން ވަނީ ވިދާޅުވެފައެވެ.