ރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީގެ ދަރިވަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ދަރިވަރުން ވަނީ ކިޔެވުމުގައްޔާއި ޢަމަލީ މައިދާނުގައި ކުރިމަތިވާ އެކި ކަހަލަ ގޮންޖެހުންތަކާއި ދަތިތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
އިންޖިނިއަރިންނަކީ ހަމައެކަނި ފޮތްތަކުން ކިޔަވައިގެން ފުދޭނެ ދާއިރާއަކަށް ނުވެފައި، ޢަމަލީ މައިދާނުގައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެކުލެވޭ ފަންނަކަށްވީ ނަމަވެސް، އެމްއެންޔޫގައި ސިވިލް އިންޖިނިއަރިންގ ކިޔަވަމުންދާ ދަރިވަރުންނަށް އެ ފުރުޞަތު ވަރަށް ހަނިކަން ދަރިވަރުން ފާހަގަކުރިއެވެ. ޚާއްޞަކޮށް ކިޔެވުމަށް ބޭނުންވާ ލެބޯޓްރީއާއި ޒަމާނީ ވަސީލަތްތައް ނެތުމުގެ ސަބަބުން ތީސިސް ހެދުމަށާއި ފިލާވަޅުތައް ދަސްކުރުމަށް ބޮޑެތި ދަތިތަކެއް ހުރިކަން ވަނީ ހާމަކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދެއްކި ދަރިވަރަކު ބުނީ ލެބޯޓަރީ އަދި ބޭނުންވާ އިކުއިޕްމެންޓް ނުހުންނާތީ ކިޔަވަން ވަރަށް އުނދަގޫވާ ކަމަށާއި، ކިޔަވަމުން އޮންފީލްޑް ތަޖުރިބާ ހޯދަންވެސް ދަތިވާ ކަމަށެވެ. އަދި "އަޅުގަނޑުމެންނަށް މިހާރު ގިނައިން މި އޮންނަނީ ހަމަ ތިއަރީ ކުލާސްތައް. ދެން ޕްރެކްޓިކަލް ހަދަން ނޫނީ މަސައްކަތް އޮންފީލްޑުގައި ކުރާތަން ބަލާލަން އަޅުގަނޑުމެން މިޖެހެނީ ކޮލެޖްގެ ފަރާތުންވިޔަސް ނޫނީ ތާޑް ޕާޓީއެއް މަސައްކަތްކުރާތަން ބަލާލަން. އަމިއްލައަށް ހޭންޑްއޮން އެކްސްޕީރިއެންސް ހޯދާކަށް އަޅުގަނޑުމެންނަކަށް ނުއެއް ލިބޭ،" ކަމަށްވެސް އެ ދަރިވަރު ފާހަގަކުރިއެވެ.
މީގެއިތުރުން، މި ދާއިރާއިން ކުރިއަށްދިއުމަށްޓަކައި މަތީ ތަޢުލީމުގެ ފުރުޞަތުތައް މަދުވުމަކީވެސް ދަރިވަރުންގެ ބޮޑު ކަންބޮޑުވުމެކެވެ. އެގޮތުން ރާއްޖެއިން އިންޖިނިއަރިންގ ދާއިރާއިން މިހާރު ކިޔެވެން އޮންނަނީ ހަމައެކަނި ބެޗްލަރސް ޑިގްރީއާ ހަމައަށެވެ. އެހެންކަމުން، އިންޖިނިއަރިންގ އެންޑް ސައިންސްގެ ކޯސްތައް އެއް ފުރާޅެއްގެ ދަށުން ހިންގޭނެ އެކަށީގެންވާ އިމާރާތަކާއެކު ފުރިހަމަ ފެކަލްޓީއެއް ޤާއިމުވެގެން ދިއުމަކީ ދަރިވަރުންގެ ވަރަށް ބޮޑު އެދުމެއް ކަމުގައި އެ ދަރިވަރުން ފާހަގަކުރެއްވިއެވެ.