ރާއްޖޭގެ އިންޖިނިއަރިންގެ ދާއިރާއަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ދާއިރާއަކަށް ހެދުމަށް ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީގެ ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ތަރައްޤީއަށް ބަލާއިރު ވަރަށް މުހިންމު އެކި ކަހަލަ އިންޖިނިއަރިންގ ފީލްޑްތަކުން ވީހާވެސް ގިނަ ދިވެހިން ކިޔަވައިގެން ނުކުމެ ރާއްޖެއަށް ޚިދުމަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"ބޭރުމީހުންނެއް ނޫން އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެން ދިވެހިން ރާއްޖޭގެ ހުރިހައި އިންޖީނިއަރިން ދާއިރާތަކުން މަސައްކަތްކުރަން. އެއީ އަޅުގަނޑު މަސައްކަތް ކުރާނެގޮތަކީ،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ނިންމެވީވެސް މި ދާއިރާއަށް މީހުން ނެރެން ބޭނުންވާތީ ކަމަށާއި، އެހެންކަމުން ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅައި އިންޖީނިއަރުންގެ ދުވަސް ފާހަގަކުރަން ނިންމެވީ ކަމަށެވެ.
މި ބައްދަލުވުމުގައި އިންޖީނިއަރިން ދާއިރާގައި ކިޔަވަމުންދާ ބައެއް ކުދިން ވަނީ މި ދާއިރާގައި ދިވެހިންނަށްވުރެ ބޮޑަށް ބިދޭސީން މަސައްކަތްކުރަމުންދާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި ރައީސް ވަނީ، އެކަންކަން ހައްލުކޮށްދީ މި ދާއިރާއިން ދިވެހިންނަށް ފަސޭހަކަމާއިއެކު ވަޒީފާ ހޯދޭނެގޮތް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.