ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ ދެ ޤައުމުގެ ބަދަހި ގުޅުމުގެ ރަމްޒެއް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ ދެ ޤައުމުގެ ބަދަހި ގުޅުމުގެ ރަމްޒެއް: ރައީސް

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު (ސިނަމާލެ ބުރިޖު) އަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ދެމިގެންވާ އެކުވެރިކަމުގެ ވަރުގަދަ ރަމްޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވައި، ބޭނުންކުރަން ފެށިތާ 8 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ވެރިރަށް މާލެއާއި އެއާޕޯޓު އަދި ހުޅުމާލެ ގުޅުވައިދިން މި ބުރިޖަކީ ހަމައެކަނި އުމްރާނީ ތަރައްޤީގެ ބިނާއެއް ނޫނެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި އެއްބައިވަންތަކަން އަދި އެއް އަމާޒުތަކެއް ހިއްސާކުރާކަން ދައްކުވައިދޭ ހެއްކެކެވެ.

މީގެއިތުރުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޒަޢާމަތުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަން ފާހަގަކުރައްވަމުން، މި ގުޅުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް އައު ފުރުޞަތުތަކެއް ތަނަވަސްވެ، މުސްތަޤްބަލަށް އައު ދޮރުތަކެއް ހުޅުވިގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި 8 ވަނަ އަހަރީ ދުވަހު، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ އުމްރާނީ މަޝްރޫޢު ކަމަށްވާ ސިނަމާލެ ބުރިޖު ހުޅުވި ތާރީޚު ކަމުގައިވާ އޯގަސްޓް 30 ވަނަ ދުވަހަކީ ޤައުމީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މި ބުރިޖުގެ ސަބަބުން ރައްޔިތުންގެ ޢާންމު ދިރިއުޅުމަށާއި، އިޤްތިޞާދަށާއި އިޖްތިމާޢީ ކަންކަމަށް ވަނީ ބޮޑެތި ފައިދާތަކާއި ލުއިފަސޭހަތަކެއް ލިބިގެން ގޮސްފައެވެ.

މިއަދު އޮންލައިން