ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗައިނާ މޯލްޑިވްސް އެވަރލާސްޓިންގ ފްރެންޑްޝިޕް ޕާރކަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. އެމަނިކުފާނު، ޗައިނާ މޯލްޑިވްސް އެވަރލާސްޓިންގ ފްރެންޑްޝިޕް ޕާރކަށް ޒިޔާރަތްކުރެއްވީ، ޗައިނާ މޯލްޑިވްސް އެވަރލާސްޓިންގ ފްރެންޑްޝިޕް ބްރިޖު ހުޅުވުމުގެ މުނާސަބަތާއި މިއަދު ރާއްޖޭގައި ފާހަގަ ކުރަމުންދާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތާވެސް ގުޅުވައިގެންނެވެ.
މިއަދުގެ މިޒިޔާރަތުގައި ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާގެ އިތުރުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދުގެ މި ޒިޔާރަތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާ ސަފީރާއެކު ކުރެއްވި މަޝްވަރާގައި ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމަށް ލާބައާއި މަންފާ ލިބިދޭ އުޞޫލުތައް ޗައިނާ ސަރުކާރުން އަބަދުވެސް ދަމަހައްޓާނެކަމަށާއި އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށް ޗައިނާ ސަރުކާރުން ދެމުންދާ އެއްބާރުލުން އެގޮތުގައި ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަންދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ، ޗައިނާ މޯލްޑިވްސް އެވަރލާސްޓިންގ ފްރެންޑްޝިޕް ޕާރކަށް ވަޑައިގެން އެ ސަރަޙައްދު ބައްލަވާލެއްވުމަށްފަހު، ޚާއްސަ ފޮޓޯފުޅެއްވެސް ވަނީ ނަންގަވާފައެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ފާއިތުވެ ދިޔަ 2025ވަނަ އަހަރުއެވެ. އެމަނިކުފާނު މިގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން މިއަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑްގެ ނަމުގައި ސަރުކާރުން އެވޯޑެއް ދެއްވަން ފައްޓަވާނެކަން އިޢުލާނުކުރައްވާފައެވެ.
ސިނަމާލެ ބުރިޖުގެ މަސައްކަތް ހިންގަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމާ ޢުމްރާނީ ތަރައްޤީގެ ދާއިރާގެ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން، އެމަނިކުފާނުގެ ޚާއްޞަ ބެއްލެވުމުގެ ދަށުންނެވެ. މި ދާއިރާއިން އެންމެ ގިނަ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގަވާފައިވަނީވެސް އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުގައެވެ. އެމަނިކުފާނު ވަނީ ސިވިލް އިންޖީނިއަރިންގގެ ދާއިރާއިން، ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ޙާސިލްކުރައްވާފައެވެ.
ސިނަމާލެ ބުރިޖު ހުޅުވުނުތާ އަށް އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ މީސްމީޑިއާ މެދުވެރިކުރައްވައި އެމަނިކުފާނުގެ ޝުއޫރުތައް ޙިއްޞާކުރައްވާފައެވެ. އެމަނިކުފާނުގެ މެސެޖުގައި، މީގެ އަށް އަހަރު ކުރިން މިއަދު، ޗައިނާ–މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު ހުޅުވިގެން ދިޔައީ، ވެރިރަށް މާލެއާއި، އެއާޕޯޓާއި ހުޅުމާލެ ގުޅުވައިދީ، ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ރަޙްމަތްތެރިކަމުގެ ވަރުގަދަ ރަމްޒެއްގެ ގޮތުގައިކަން ފާހަގަކުރައްވާފައިވެއެވެ. އަދި މި ބުރިޖަކީ ހަމައެކަނި ޢުމްރާނީ ބިނާއެއް ނޫންކަމަށާއި މިއީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އިތުބާރާއި، އެއްބައިވަންތަކަމާއި، ދެ ޤައުމުގެ އެއްގޮތް އުންމީދުތައް ރަމްޒުކޮށްދޭ ދިރިހުރި ހެއްކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި ރައީސް ޝީ ޖިންޕިންގގެ ލީޑަރޝިޕްގެ ދަށުން، ދެ ޤައުމުގެ ގުޅުން ދުވަހުން ދުވަހަށް ބަދަހިވެ ފުޅާވަމުންދާކަމަށާއި ދެ ޤައުމުގެ ރައްޔިތުންނަށް އައު ފުރުޞަތުތައް ފަހިވެ، ދެ ޤައުމުގެ ގުޅިފައިވާ މުސްތަޤުބަލު އައު އުދަރެސްތަކަށް ހުޅުވިގެން އަންނަކަމުގައި ވިދާޅުވިއެވެ. އަދި ސިނަމާލެ ބުރިޖަށް 8 އަހަރު ފުރޭ މި މުނާސަބަތުގައި، ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރިކަން ދަމަހައްޓައި، ޗައިނާއާއެކު އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން އިތުރުކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.