މުޖުތަމަޢުއަށް ވީހާވެސް ގާތުން ސިއްހީ ފަރުވާ ފޯރުކޮށްދިނުމާއި، ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލުގައި ނިއުރޮލޮޖީ، ގެސްޓްރޯއެންޓްރޮލޮޖީ އަދި ޔޫރޮލޮޖީގެ ޚިދުމަތްތައް ރަސްމީކޮށް ފަށައިފިއެވެ.
25 ޖުލައި 2026 ގައި މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީއެވެ.
ހުޅުމާލެ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ނިއުރޯ ސައިންސް ޔުނިޓްގައި ހިމެނޭ އީއީޖީ ގެ ޚިދުމަތް ކޮންމެ ދުވަހަކުވެސް ރަސްމީ ގަޑިތަކުގައި ލިބެން ހުންނާނެއެވެ. އަދި މި ޚިދުމަތަށް މެންދުރު 2:00 އާ ހަމައަށް ނަންނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
މީގެ އިތުރުން، އާންމު ގަޑިތަކުގެ ބޭރުން ކުއްލި ނުވަތަ އިމަޖެންސީ ހާލަތްތަކުގައި ކޮންމެ ގަޑިއެއްގައިވެސް މި ޚިދުމަތް ބަލިމީހުންނަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.