ރިވެތި ގޮތުގައި ޒަވާޖީ ޙަޔާތް ކުރިއަށް ގެންދެވޭނަމަ އެކަމުގެ ވާހަކަ ދައްކާ ޢާއިލާތައް މަދުވާނެއެވެ. ހަމައެއާއިއެކު އަނިޔާ ލިބޭނަމަ އެކަމުގެ ވާހަކަތައް ދައްކާ މީހުން ގިނަވާނެއެވެ. ކޮންމެވެސް އެކަކަށް ނުވަތަ ގިނަ ބައަކަށް އަނިޔާލިބި، ހިތާމައާއި ވޭން އުފުލަންޖެހޭ ސަބަބަކީ އެއީއެވެ.
ކޮންމެއަކަސް މިވާހަކައަކީ ހުރިހާ އަންހެނުންނަށްވެސް ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ. އަދި ފިރިހެނުންނަށްވެސް މެއެވެ. ޚާއްޞަކޮށް ތިމާގެ ޙަޤީޤަތް އޮޅުވާލައިގެން ގިނަ އަންހެނުންނާ ލޯބީގެ ގުޅުން ބާއްވާ ފިރިހެނުންނަށް ޢިބްރަތްތެރި ފިލވަޅެކެވެ.
އަޅުގަނޑުމެންވެސް ކައިވެނިކުރީ ވަރަށް ހަގު އުމުރުގައެވެ. ފިރިމީހާގެ އުމުރުން 23 އަޅުގަނޑުގެ އުމުރުން 20 އަހަރުގައެވެ. ދެމަފިރިންވެސް ދިއައީ ވަޒީފާއަދާކުރަމުންނެވެ. ދެމީހުންގެ މުސާރަ އެއްކޮށްގެން ފިރިމީހާ އަމިއްލަ މަސައްކަތެއް ފެށުމުން އެމަސައްކަތް ކުރިއަރައި ތަނަވަސްކަން ލިބުނެވެ.
ކައިވެންޏަށް 7 އަހަރުވީއިރު ވަނީ 3 ދަރިން ލިބިފައެވެ. ދެމަފިރިން އެހައިތަނަށް އުޅުނީ ވަރަށް ލޯބިންނެވެ. ނަމަވެސް 3 ވަނަ ދަރިފުޅު ލިބުނުފަހުން ފިރިމީހާ އަޅުގަނޑާއި ދުރުހެލިވާން ފެށިއެވެ. ސަބަބެއް ނުއެނގެއެވެ. ހީކުރެވިފައި އޮތީ ކުޑަ ދަރިފުޅު އޮތުމުން ކޮންމެވެސް އުނދަގުލެއްވަނީ ކަމަށެވެ.
ނަމަވެސް ދުވަސްކޮޅެއްފަހުން އަޅުގަނޑާއި އަދި 3 ދަރިންނާއިމެދުގައިވެސް ފަރުވާކުޑަކުރަން ފެށުމުން ޝައްކުތައް އިތުރުވިއެވެ. އެހެންވެ ފިރިމީހާ އެއް ރޭ ނިދީމަ ފޯނުނަގައިގެން ހާވާލިއިރު 4 ލޯބިވެރިން ގެންގުޅެއެވެ. ކޮށްފައި ހުރި މުޢާމަލާތުތައް ވަގުތުން ކޮޕީކޮށްލީމެވެ.
އަނެއްދުވަހު ފިރިމީހާ މަސައްކަތު ދިއުމުން 4 އަނހެނުންނާއި ގުޅައި ފިރިމީހާގެ އަންތބަކު އިންނަކަމާއި 3 ދަރިން ލިބިފައިވާކަން އެނގޭތޯއާއި އަޅުގަނޑަކީ ފިރިމީހާގެ ތަނަވަސްކަމުގެ (ވިޔަފާރީގެ) 50 އިންސައްތަ ޙިއްޞާދާރެއްކަން އެނގޭތޯ ސުވާލުކުރިއިރު ހަމަ އެކަކަށްވެސް އެއިން އެއްވެސް ކަމެއް ނުއެނގެއެވެ. ފިރިމީހާ ބުނެފައިވަނީ އަނބިމީހާ ވަރިވެގެން ގޮސްފައިވާ ކަމަށެވެ.
އެހިސާބުން ވަރިވާން ކޯޓަށް ދިއައިމެވެ. ކޯޓުން މައްސަލަ ނިންމީ ވިޔަފާރީގެ އެއްބައި އަޅުގަނޑަށް ދިނުމަށާއި އަދި އަޅުގަނޑަށާއި 3 ދަރިންނަށް އެ 4 އަނހެނުންނަށް ދިން ގެއްލުމުގެ ބަދަލުދިނުމަށެވެ. ބަދަލުކަމަށް ކަނޑައެޅި ޢަދަދު ނަގައި ނިމުނުއިރު ވިޔަފާރީގެ އޭނާގެ ހިއްޞާއިން ހަމައެއް ނުޖެއްސުނެވެ. ޖެހުނީ ދަރަނިވެރިވާށެވެ. އެހެންވެ އަޅުގަނޑު ނިންމީ 4 އަންހެނުންނަށް ބަދަލުދީފައި އަޅުގަނޑަށް ލިބެންވާ ބައިން ދަރަނިވެރިކުރުވުމަށެވެ.
އެގޮތަށް ކަންތައް ކުރުމުން 4 އަންހެނުން ވަރަށް އުފާކުރިއެވެ. އަޅުގަނޑަށް ވަރަށް ބޮޑަށް ތަޢްރީފްކޮށް ޝުކުރުއަދާކުރިއެވެ. އެ 4 އަންހެނުންނަކީވެސް ވަރަށް ނިކަމެތި އަންހެނުން ކަމުގައިވާތީ ވަޒީފާވެސް ދިނީމެވެ. އެމީހެއްގެ ކިބައިގައި ޤާބިލްކަން ހުރިވަރަކުންނެވެ.
ﷲ ގެ ރަޙްމަތްފުޅުން އަޅުގަނޑުގެ ވިޔަފާރި ކުރިއަރައިގެންދިއައެވެ. އެ 4 އަންހެނުންވެސް ވަރަށް އިޚްލާޞްތެރިކަމާއިއެކުކުރި މަސައްކަތުންނެވެ. އަޅުގަނޑުމެން 5 އަންހެނުން އެއްބަސްވެފައި ކައިވެނީގެ ޙަފްލާ ބޭއްވީ އެއްރެއެއްގައެވެ. އެރޭ އަޅުގަނޑުމެން 5 އަންހެނުންވެސް ނިންމީ އުޚުތުންގެ ގޮތުގައި އުމުރު ހޭދަކުރުމަށެވެ.
އަޅުގަނޑުގެ ދެވަނަ ދަރިފުޅުގެ އުފަންދުވަސް ފާހަގަކުރަން 4 އުޚުތުން ގެއަށް އައިސް ގޭގައި އުޅުނު ދުވަހެކެވެ. ފިރިމީހާ ދަރިފުޅަށް ހަދިޔާއެއް ހިފައިގެން ގެއަށް އައުމުން މަރުޙަބާކީމެވެ. ގެއަށް ވަންތަނުން "ކުރިން ވަގަށް ގެންގުޅުނު 4 ބިޓުން"ނާއި އެމީހުންގެ ފިރިންންނާއި އަޅުގަނޑުގެ ފިރިމީހާ ތަޢާރަފްކޮށްދިނީމެވެ. ތަޢާރަފްކޮށްދޭއިރަށް އަނގައިން ވެސް ބުނަން ނުއެނގި ހުރެފައި ގެއިން ނުކުމެގެން ހިނގައްޖެއެވެ. އެއްވެސް ދަރިއަކާއިވެސް އަނގައަކުން ނުބުނެއެވެ. އެކަމުން އެނގުނީ ގެއަށް އައީ ދަރިފުޅުގެ އުފަންދުވަސްކަމަށްވެގެން ބައްދަލުކުރަން ނޫންކަމެވެ. ކޮންމެވެސް އެހެން ބޭނުމަކުކަމެވެ.
ކޮންމެއަކަސް ދުނިޔޭގެ ހުރިހާ އަންހެނުންނަށް ދޭން އޮތް މެސެޖަކީ މިބާވަތުގެ މައްސަލަތައް ދިމާވުމުން ޙަސަދަވެރިންކަމުގައިނުވެ އަންހެނުން ގުޅިގެން ރަނގަޅު ދިރިއުޅުމެއް ހޯދަން އައު ހިތްވަރަކާއިއެކު މަސައްކަތް ފަށަމާ ހިނގާށެވެ. އަހަރެމެންނަށް ކުރިއެރުން ލިބޭނީ އަހަރެމެން ގުޅިގެން ކުރިއެރުން ހޯދަން މަސައްކަތްކުރީމައެވެ.
މިބާވަތުގެ ކަމެއް ދިމާވިނަމަވެސް (ނުއެނގިހުރެ) މިވެނި އަންހެނަކީ ދެމަފިރިންގެ މެދަށް ވަދެގަތް މީހާކަމަށް އިޝްތިހާރުކުރުމުގެ ބަދަލުގައި އޭނާއަށް ރަނގަޅު ފިރިއަކު ހޯދައިދެވޭތޯ މަސައްކަތްކުރަމާ ހިނގާށެވެ. ނަމަވެސް އެއީ ފިތުނަ އުފައްދައި ދެމަފިރިން ދުރުކުރުވަން މަސައްކަތްކޮށްފައި ނުވާނަމައެވެ. 4 އުޚުތުން ފަދައިން ދިރިއުޅުމުގެ ޙަޤީޤަތް ނުއެނގި ތިބިނަމައެވެ. ފިތުނަ އުފައްދައިގެން ދެމަފިރިންގެ ދެމެދަށް ވަދެގަންނަ އަންހެނުންގެ ވާހަކަ ހަމަ މުޅި ދުނިޔެއަށްވެސް އިޢުލާނުކުރަންވީއެވެ. އެއީ ކުރަންޖެހޭނެވެސް ކަމެކެވެ. މިއީ އަޅުގަނޑުގެ ވިސްނުމެވެ.
އަޅުގަނޑަކީ އަދި ވަރަށް އައު ލޯޔަރެކެވެ. މިވާހަކަ ކިޔާފައި ހިތަށް އެރީ ރާއްޖޭގައިވެސް މިފަދަ ގޮތަކަށް ޤާނޫނުތައް ފާސްކުރެވިއްޖެނަމަ އޮޅުވާލައިގެން ލަނޑުދިނުން މަދުނުކުރެވޭނެބާވައެވެ! ލިބޭ ނަފްސާނީ ގެއްލުމަށް ބަދަލުދޭންޖެހޭ ގޮތަށް ޤާނޫނު އިޞްލާޙްކުރެވިއްޖެނަމަ މިހާރަށްވުރެ ވަރިކުރުންވެސް މަދުނުވާނެބާވައެވެ! މިއީ އަޅުގަނޑު ހިތަށް އައިކަމެކެވެ.
ޙަޤީޤަތުގައި އަޅުގަނޑަކީވެސް ހަމަ މިފަދަ ގޮތަކަށް ފިރިހެނެއްގެ މަޅީގައި ޖެހެވުނު އަންހެނެކެވެ. 3 އަހަރުވީއިރުވެސް މިއުޅެނީ އެކަމުން ލިބުނު ނަފްސާނީ ގެއްލުންތަކުން އަރައިނުގަނެވިގެންނެވެ. މޮޔަވުމުން އަޅުގަނޑު ސަލާމަތްކޮށްދިނީ އަބަދުވެސް ކިޔަމުން އަންނަ ޛިކުރުތަކެވެ. އެކަމުގެ ސަބަބުން ﷲ ލެއްވެވި ރަޙްމަތުގެ ބޮޑުކަމުންނެވެ.
- ޢާއިޝަތު / މިއަދުނޫހުގެ ކިޔުންތެރިއެއް