ހަތަރު މަސްދުވަހުގެ ތެރޭގައި ޓޫރިޒަމް ޓްރަސްޓް ފަންޑުގައި 149 މިލިއަނަށްވުރެ ގިނަ ރުފިޔާ ރައްކާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ހަތަރު މަސްދުވަހުގެ ތެރޭގައި ޓޫރިޒަމް ޓްރަސްޓް ފަންޑުގައި 149 މިލިއަނަށްވުރެ ގިނަ ރުފިޔާ ރައްކާކޮށްފި

ޓޫރިޒަމް ޓްރަސްޓް ފަންޑުގައި ހަތަރު މަސްދުވަހުގެ ތެރޭގައި 149 މިލިއަނަށްވުރެ ގިނަ ރުފިޔާ ރައްކާކުރެވިފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ މި އޮޑިޓް ރިޕޯޓަކީ 30 ސެޕްޓެމްބަރ 2025 އިން 31 ޑިސެމްބަރ 2025 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުގެ އަހަރީ މާލީ ބަޔާންތައް އޮޑިޓްކޮށްފައިވަނީ "އިންޓަނޭޝަނަލް ސްޓޭންޑަރޑްސް އޮން އޮޑިޓިންގ" އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މީގެ އިތުރުން، މި އޮޑިޓް ކުރިއަށް ގެންގޮސްފައިވަނީ އިންޓަނޭޝަނަލް އެތިކްސް ސްޓޭންޑަރޑްސް ބޯޑް ފޮރ އެކައުންޓެންޓްސްގެ "އިންޓަނޭޝަނަލް ކޯޑް އޮފް އެތިކްސް ފޮރ ޕްރޮފެޝަނަލް އެކައުންޓެންޓްސް" (އައިއީއެސްބީއޭ ކޯޑު) ގައި ބަޔާންކުރާ ގޮތުގެ މަތިންނެވެ. އެގޮތުން އޮޑިޓްކުރެވުނު ފަރާތުގެ އެއްވެސް ނުފޫޒަކުން އެއްކިބާވެ، މިނިވަންކަމާއެކު ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކޮށްފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

2025 ވަނަ އަހަރުގެ ޓޫރިޒަމް ޓްރަސްޓް ފަންޑުގެ މާލީ ބަޔާނުން ދައްކާގޮތުގައި، 30 ސެޕްޓެމްބަރުން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށް މި ފަންޑަށް ޖުމްލަ 157،827،372 ރުފިޔާ ލިބިފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ފަންޑުން 8،571،150 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

އެހެންކަމުން، 2025 ވަނަ އަހަރު ނިމުނުއިރު މި ފަންޑުގައި ބާކީ ހުރި ޖުމްލަ އަދަދަކީ 149،256،222 ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓުގެ ހިސާބުތަކުން ވަނީ ހާމަވެފައެވެ.

މިއަދު އޮންލައިން