ދިވެހި ޕާސްޕޯޓް ދޫކުރުމުގެ އުސޫލުތަކަށް މުހިންމު ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ. މި ބަދަލު ގެންނަން ނިންމާފައިވަނީ ޕާސްޕޯޓް ބުކްލެޓް ރާއްޖެއަށް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލަ ހައްލުވިނަމަވެސް، ރާއްޖެއަށް ބުކްލެޓް ލިބުމުގައި ހުރި ދަތިތަކަކާ ގުޅިގެންނެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރާއްޖެއަށް 2016 ވަނަ އަހަރުން ފެށިގެން "ޕާސްޕޯޓް ބުކްލެޓް" ފޯރުކޮށްދޭ ކުންފުނީގެ ޕްރިންޓް ހައުސްއަށް ދިމާވި މައްސަލައާ ގުޅިގެން އަންދާޒާކުރި ތާރީޚަށް ސްޓޮކް ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން، މިހާރު ހުރި ޕާސްޕޯޓް ސްޓޮކް މެނޭޖްކުރުމަށްޓަކައި އޮގަސްޓް 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓް ދޫކުރުމުގައި ބައެއް ބަދަލުތައް ގެނައުމަށް ވަނީ ނިންމާފައެވެ.
އެ ބަދަލުތަކުގެ ތެރޭގައި، ރާއްޖޭގައި ހުރެގެން ޕާސްޕޯޓް މުއްދަތު ހަމަވެގެން އައު ޕާސްޕޯޓެއް ހެއްދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި، މިހާރު ދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާ ނުވަތަ މުއްދަތު ހަމަވާ ޕާސްޕޯޓުގެ މުއްދަތު 30 ޖޫން 2027ގެ ނިޔަލަށް އިތުރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މުއްދަތު އިތުރުކުރުމުގެ މި ޚިދުމަތަކީ އެއްވެސް ފީއަކާ ނުލައި ފޯރުކޮށްދޭނެ ޚިދުމަތެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މީގެއިތުރުން، އަލަށް ޕާސްޕޯޓް ހައްދާ ފަރާތްތަކުގެ ތެރެއިން ދިވެހިން އާންމުކޮށް ދަތުރުކުރާ ޤައުމުތައް ކަމަށްވާ އިންޑިއާ އަދި ސްރީލަންކާ ފަދަ ޤައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް "އިމަޖެންސީ ޕާސްޕޯޓް" ދޫކުރުމަށްވެސް އެ އިދާރާއިން ވަނީ ނިންމާފައެވެ. އިމަޖެންސީ ޕާސްޕޯޓަކީވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)ގެ މިންގަނޑުތަކާ އެއްގޮތް، 1 އަހަރު ދުވަހުގެ މުއްދަތަކަށް ދޫކުރެވޭ މެޝިން ރީޑަބަލް 8 ސަފްޙާގެ ޕާސްޕޯޓެކެވެ. މިއީވެސް އެއްވެސް ފީއަކާ ނުލައި ދޫކުރާ ޕާސްޕޯޓެކެވެ.
ޕާސްޕޯޓް ބުކްލެޓް ފޯރުކޮށްދޭ ކުންފުންޏަކީ ފާއިތުވި 10 އަހަރު ދުވަހުވެސް އެއްވެސް މައްސަލައެއް ނުޖެހި މި ތަކެތި ފޯރުކޮށްދީފައިވާ އިތުބާރު ހުރި ކުންފުންޏެއްކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ. އަދި ޕާސްޕޯޓް ދޫކުރުމަށް މި ބަދަލުތައް ގެނައި ނަމަވެސް، އެއްވެސް ދިވެހި ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ދީފައެވެ.