ބ. ގޮއިދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ) ގެ އޭޓީއެމްއެއް ގާއިމުކުރުމުން އެ ރަށުގެ ރައްޔިތުންނަށް މާލީ ހިދުމަތްތައް ހޯދުމަށް ފަސޭހަވެ، ރަށުގައި ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ އިގުތިސާދަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޒަރީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމް.އައި.ބީ.އިން ބެހެއްޓި 62 ވަނަ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވާ އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، ގައުމުގެ މާލީ ދާއިރާ ތަރައްގީވަމުންދާއިރު އެއްވެސް ރަށެއް ބާކީނުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އާމްދަނީ ޖަމާކުރުމަށް ނުވަތަ ފައިސާ ނެގުމަށްޓަކައި ބޮޑު ހަރަދެއް ކޮށްފައި އަތޮޅުގެ ވެރިކަން ކުރާ ރަށަށް ރައްޔިތުން ދާންނުޖެހޭނެ ކަމަށާއި، މާލީ ދާއިރާގެ ތަރައްގީގެ ފައިދާ މުޅި ގައުމުގެ އެންމެހައި ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށެވެ.
އެމް.އައި.ބީ. ގެ ހިދުމަތް ގޮއިދޫއަށް ފުޅާކޮށްދެއްވީތީ އެ ބޭންކުގެ މެނޭޖްމަންޓަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. އަދި އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް ދެވޭ މާލީ ހިދުމަތްތަކަށް ދިވެހިންގެ މެދުގައި އޮތް ތަރުހީބު އިތުރުވަމުންދާކަން ފާހަގަކުރެއްވިއެވެ. ސަރުކާރުގެ މަގުސަދަކީ މިފަދަ ހިދުމަތްތައް ހަމައެކަނި މާލެއާއި ބޮޑެތި އާބާދީތަކަށް ލިބުމުގެ ބަދަލުގައި، މުޅި ރާއްޖެއަށް ލިބޭނެ ގޮތް މަގުފަހިކޮށްދިނުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޒަރީރު ވަނީ ގޮއިދޫގައި ފުޅާވަމުން އަންނަ ގެސްޓްހައުސް ވިޔަފާރިއާއި، ފަތުރުވެރިކަން އިތުރަށް ތަރައްގީކުރުމަށް އޮތް ފުރުސަތުތަކަށް އަލިއަޅުވާލައްވާފައެވެ. އެރަށުގައި އެމް.އައި.ބީ ގެ އޭޓީއެމްއެއް ގާއިމުކުރެވުމުން، ރަށުގެ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ފަރާތްތަކަށާއި ވިޔަފާރި ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކިންގ ހިދުމަތްތައް ފުޅާކުރުމަށް އެމް.އައި.ބީއާއި މާލީ އިދާރާތަކުން ކުރައްވާ މަސައްކަތްތައް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި މިފަދަ މަޝްރޫއުތަކަށް ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.
މިނިސްޓަރ ގެ ވާހަކަފުޅު ނިންމަވާލެއްވީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާވެ، އެންމެހައި ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ހިދުމަތަކަށް ވެގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.
ހަބަރު؛ ސަރުކާރު