ޔޫއެންސީސީޑީ ކޮޕް17 ގެ ސިޑްސް ވަށްމޭޒު ބައްދަލުވުމުގައި މިނިސްޓަރ ޢަލީ ޝަރީފް ބައިވެރިވެވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ޔޫއެންސީސީޑީ ކޮޕް17 ގެ ސިޑްސް ވަށްމޭޒު ބައްދަލުވުމުގައި މިނިސްޓަރ ޢަލީ ޝަރީފް ބައިވެރިވެވަޑައިގެންފި

ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫއެންސީސީޑީ) ގެ 17 ވަނަ ކޮޕް ސަމިޓްގެ "ލޭންޑް އެންޑް ޕީޕަލް ޑޭ" ގެ ހަވާސާގައި ބޭއްވި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ގެ ވަށްމޭޒު ބައްދަލުވުމުގައި މިނިސްޓަރ ޢަލީ ޝަރީފް ބައިވެރިވެވަޑައިގެންފިއެވެ.

"ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް އިން ފޯކަސް: ސްކޭލިންގ ލޭންޑް ޑީގްރެޑޭޝަން ނިއުޓްރަލިޓީ ފޯ ރެޒިލިއަންޓް ފިއުޗަރސް" ގެ ނަމުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ފިޖީ، ވަނުއާޓޫ، ޑޮމިނިކަން ރިޕަބްލިކްގެ ވަޒީރުންނާއި އިސް މަންދޫބުންގެ އިތުރުން ކެރީބިއަން އަދި ޕެސިފިކް ސަރަޙައްދުގެ މާލީ އަދި ސަރަޙައްދީ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢަލީ ޝަރީފް ވަނީ ބިންގަނޑު ހަލާކުވުން ހުއްޓުވުމަށާއި (ލޭންޑް ޑީގްރެޑޭޝަން ނިއުޓްރަލިޓީ) އަދި ދެމެހެއްޓެނިވި ގޮތެއްގައި ބިން ބޭނުންކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ރާއްޖޭގެ ބިމުގެ ޖާގަ ކުޑަވުމުގެ ސަބަބުން، އަވަށު ތަރައްޤީއާއި، އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމާއި، އަދި އިޤްތިޞާދީ ހަރަކާތްތަކުގެ ސަބަބުން ބިމަށް ބޮޑެތި ފިއްތުންތަކާއި ގޮންޖެހުންތައް ކުރިމަތިވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޔޫއެންސީސީޑީގެ ކުރިއަށް އޮތް ސްޓްރެޓީޖިކް ފްރޭމްވޯކްގެ ދަށުން، ގޮނޑުދޮށްތައް ގިރައި ހަލާކުވުމުގެ މައްސަލަ ރަނގަޅަށް ދެނެގަނެ، އެ ކޮންވެންޝަންގެ ތެރޭގައި އެކަން ހިމެނުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. އަދި އަތޮޅުތަކާއި ކުދި ޖަޒީރާތަކުގެ ހާލަތާ ގުޅޭގޮތުން މިހާރު ހުރި ސައިންޓިފިކް ހެކިތަކާއި މަޢުލޫމާތުގެ ފަރަގު (އެވިޑެންސް ގެޕް) ކުޑަކުރުމުގެ މުހިންމުކަންވެސް މިނިސްޓަރ ޢަލީ ޝަރީފްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން