މާލެ ސަރަހައްދުން 8 މިލިޔަނަށްވުރެ ގިނަ މީހުން ބަހުގެ ޚިދުމަތް ހޯދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
މާލެ ސަރަހައްދުން 8 މިލިޔަނަށްވުރެ ގިނަ މީހުން ބަހުގެ ޚިދުމަތް ހޯދައިފި

މިދިޔަ އަހަރު މާލެ ސަރަހައްދުން 8 މިލިޔަނަށްވުރެ ގިނަ މީހުން ބަހުގެ ޚިދުމަތް ހޯދާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ހިސާބުތަކުން ދައްކައިފިއެވެ.

އެމްޓީސީސީގެ ދަށުން ހިންގާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަސް ދަތުރުތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރު މާލެ ސަރަހައްދުގައި ބަހުން ކުރި ޖުމްލަ ދަތުރުތަކުގެ އަދަދު ވަނީ 8.2 މިލިޔަނަށް އަރާފައެވެ. މިއީ މި ޚިދުމަތް ދޭން ފެށި 2022 ވަނަ އަހަރުގެ އަދަދު ކަމުގައިވާ 6.2 މިލިޔަން މީހުންނާ އަޅާބަލާއިރު %32 ގެ ކުރިއެރުމެކެވެ.

2022 ވަނަ އަހަރު މި ޚިދުމަތް ދޭން ފެށުމާއެކު، މިއީ ވެރިކަންކުރާ މާލެ ސަރަހައްދުގެ ދުވަހީ ދަތުރުފަތުރަށް އާންމުން އެންމެ ބޮޑަށް ބަރޯސާވާ އެއް ޚިދުމަތަށް ވަނީ ވެފައެވެ. އަދި ވޭތުވެދިޔަ ތިން އަހަރުވެސް މި ޚިދުމަތް ހޯދި މީހުންގެ އަދަދު ހުރީ 8 މިލިޔަނަށްވުރެ މަތީގައެވެ. އެގޮތުން، 2023 ވަނަ އަހަރު 8.1 މިލިޔަން މީހުން މި ޚިދުމަތް ހޯދާފައިވާއިރު، 2024 ވަނަ އަހަރު މި އަދަދު ހުރީ 8.4 މިލިޔަންގައެވެ.

އެމްޓީސީސީގެ އާރްޓީއެލް ބަހުގެ ޚިދުމަތް ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ދަނީ ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުންނެވެ. އޭގެތެރޭގައި މާލެ، ހުޅުމާލެ، އަދި ވިލިމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ އިތުރުން، ލިންކް ރޯޑުން ގުޅިފައިވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ހުޅުމީދޫ ހިމެނޭ ގޮތަށް އައްޑޫ ސިޓީގައާއި، ފުވައްމުލަކު ސިޓީގައިވެސް މި ޚިދުމަތް އަންނަނީ ދެމުންނެވެ.

މީގެއިތުރުން، ލ. އަތޮޅުގެ ގަން، ފޮނަދޫ، އިސްދޫ އަދި ކަލައިދޫ ހިމެނޭހެންނާއި، ރ. ދުވާފަރުގެ އިތުރުން ނ. ކެނދިކުޅުދޫގައިވެސް އާރްޓީއެލް ބަހުގެ ޚިދުމަތް އަންނަނީ ކާމިޔާބުކަމާއެކު ދެމުންނެވެ.

މިއަދު އޮންލައިން