ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ވީހާވެސް ފުޅާދާއިރާއެއްގައި އެ ފުރުސަތު ދެއްވުމަށްޓަކައި ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިތުރު 8 ދާއިރާއަކުން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ނަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ ހެންވޭރު އުތުރު ދާއިރާ، މިލަންދޫ ދާއިރާ، ވެލިދޫ ދާއިރާ، ތުޅާދޫ ދާއިރާ، ފެލިދޫ ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ، އަދި ގުރައިދޫ ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރައީސް އޮފީހުގެ ވެބްސައިޓުގައި މިކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް ކަމަށްވާ rayyithungeadu.presidency.gov.mv މެދުވެރިކުރައްވައި ނަން ނޯޓުކުރެއްވުމަށް ވަނީ އެދިފައެވެ. މިގޮތުން ނަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 އޮގަސްޓު 2026 ވާ ހޯމަ ދުވަހުގެ ރޭ 12:00 އެވެ.