އަމީނީމަގުގެ ސެގްމަންޓް 1 ގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
އަމީނީމަގުގެ ސެގްމަންޓް 1 ގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

އަމީނީމަގު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން، ސެގްމަންޓް 1 ގައި ތާރުއެޅުމާ ގުޅޭ ޢަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި މަހުގެ 3 ވަނަ ދުވަހު އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާރު ކުރިއަށްދަނީ ފުރަތަމަ ސެގްމަންޓުގެ މަސައްކަތްތަކެވެ.

ފުރަތަމަ ސެގްމަންޓްގެ ގޮތުގައި މަރާމާތުކުރަމުންދަނީ ފުޑްކޯޓްތަކުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަޙައްދެވެ. އެ ސަރަޙައްދުގައި މިހާރު ކުރަމުންދަނީ މަގުގެ އަޑީގައި އަޅާފައިވާ ޔުޓިލިޓީ ވިއުގަތައް ތަރުތީބުކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގައި ހިމެނޭ ސަބްގްރޭޑްގެ %90 މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މަސައްކަތުގެ ކޮންޓްރެކްޓަރ ކަމަށްވާ އެމްޓީސީސީން މަޢުލޫމާތު ދޭގޮތުގައި، މި މަސައްކަތްތައް ނިންމައި ތާރުއެޅުމުގެ ކުރިން އަޅަންޖެހޭ އޭބީސީ ލޭޔަރ އެޅުމުގެ މަސައްކަތް މިއަދު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މިހާރު މަސައްކަތް ކުރިއަށްދާ ސެގްމަންޓް 1 ގައި ތާރު އަޅައި ނިންމުމަށްފަހު އެ ސަރަޙައްދު ޢާންމުންނަށް ހުޅުވާލެވޭނެއެވެ. އަދި އޭގެ ފަހުން ދެން ފަށާނީ ސެގްމަންޓް 2 ގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ އެންމެހައި މަސައްކަތްތައް އަންނަ ނޮވެންބަރު މަހުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް ވަނީ ތާވަލުކުރެވިފައެވެ. އަމީނީމަގު އަލުން މަރާމާތު ކުރުމުގެ އިތުރުން، ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައިވާ ސަރަޙައްދުތަކުގެ ތެރެއިން ހަލާކުވެފައި ހުރި ތަންތަން މަރާމާތު ކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ކުރިއަށްދާނެއެވެ.

މިއަދު އޮންލައިން