ހަތަރު ދާއިރާއަކުން މަސައްކަތްކުރާ ޕްރޮފެޝަނަލް ދިވެހިންނަށް ލައިސެންސާއެކު މަސައްކަތްކުރެވޭނެ މަގު ފަހިކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ހަތަރު ދާއިރާއަކުން މަސައްކަތްކުރާ ޕްރޮފެޝަނަލް ދިވެހިންނަށް ލައިސެންސާއެކު މަސައްކަތްކުރެވޭނެ މަގު ފަހިކުރަނީ

ކަރަންޓާއި، ފެނާއި، ނަރުދަމާ އަދި ކުނީގެ ދާއިރާތަކުން މަސައްކަތްކުރާ ޕްރޮފެޝަނަލް ދިވެހިންނަށް ލައިސެންސާއެކު މަސައްކަތްކުރެވޭނެ މަގު ފަހިކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އިން ތައްޔާރުވަމުންދާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރ ޔުޓިލިޓީ މެނޭޖްމަންޓް، އަލީ މިޝާލް ވިދާޅުވީ، ހަތަރު ދާއިރާއަކުން މަސައްކަތްކުރާ ޕްރޮފެޝަނަލް ދިވެހިންނަށް ލައިސެންސާއެކު މަސައްކަތްކުރެވޭނެ މަގު ފަހިކުރުމަށް ބޭނުންވާ އިންތިޒާމްތައް ފުރިހަމަކުރަމުންދާ ކަމަށެވެ.

ލައިސެންސް ދިނުމަށް ނިންމާފައިވާ ހަތަރު ދާއިރާއަކީ ކަރަންޓާއި، ފެނާއި، ނަރުދަމާ އަދި ކުނީގެ ދާއިރާއެވެ. މި ދާއިރާތަކުގެ ޕްރޮފެޝަނަލުންގެ ގޮތުގައި ބަލަނީ، ތަޖުރިބާ އާއި ސަނަދުގެ ގޮތުން، ކަމާ ގުޅޭ ދާއިރާގައި މަސައްކަތްކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން ހުރި ފަރާތްތައް ކަމަށް މިޝާލް ވިދާޅުވިއެވެ.

ޔުޓިލިޓީ ޚިދުމަތްތައް ދޭ ފަރާތްތަކަށް ލައިސެންސް ދިނުމުގެ މައިގަނޑު މަޤްސަދަކީ، ދިވެހިންނަށް ފޯރުކޮށްދޭ ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކަން ކަށަވަރުކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލައިސެންސް ދިނުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، ކަރަންޓުގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލުން ދެނެގަތުމަށް ބޭނުންވާ ނިޒާމެއް މިހާރު ޤާއިމްކޮށްފައިވާ ކަމަށް މިޝާލް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް ފެނާ ނަރުދަމާ ދާއިރާގެ ޕްރޮފެޝަނަލުންނަށް ލައިސެންސް ދިނުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކުނީގެ ދާއިރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، "ކުނީގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލް މީހުން ދެނެގަތުމަށް އެކުލަވާލަންޖެހޭ ކަންކަމާއި، ފަރުމާކުރުމުގައި އުޅޭ މީހުންނަށް ވެސް ލައިސެންސް ދެވޭ ގޮތަށް ކަންކަން ދަނީ ހަމަޖައްސަމުން،" ކަމަށް އަލީ މިޝާލް ވިދާޅުވިއެވެ.

މިއަދު އޮންލައިން