އިގުތިޞާދީ ކުރިއެރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރާނަން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
އިގުތިޞާދީ ކުރިއެރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރާނަން: ރައީސް

ރާއްޖޭގެ އިގުތިޞާދީ ކުރިއެރުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވައި، ދައުލަތުގެ މީޑިއާއިން ގެނެސްދޭ 'ނޭޝަން ޗެޓް' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން ދަނީ އިގުތިޞާދު ކުރިއެރުވުމަށް ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ އިގުތިޞާދު ކުރިއެރުުވުމަށް. އެހެންވީމަ އަޅުގަނޑުމެންނެއް ނުކުރާނަން އިގުތިޞާދީ ކުރިއެރުމަށް ހުރަސްއެޅޭ އެއްވެސް ކަމެއް. ދެންހަމަ ބޭރުފައިސާގެ ކަންކަމުގައި އެއަޅާ ފިޔަވަޅުތައްވެސް ހަމަޔަގީނުންވެސް އޭގެ ނަތީޖާތައް ރަނގަޅުވާނެ. ސިޔާސީ ބޭނުމެއްގަ ބައެއް ފަރާތްތަކުން އެކިކަހަލަ ވާހަކަތައް ދައްކަފާނެ. އެކަމު އޭގެ ނަތީޖާ ޖުމްލަކޮށް ވަރަށް ރަނގަޅުވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކާއި ގާނޫނުތަކަށް ގެންނަ އިސްލާހުތަކަކީ ވެސް ފެކްޓް ބޭސްޑްކޮށް، ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް ކުރާ ކަންކަން ކަމަށެވެ. އެގޮތުން އެތައް ދުވަހެއްގެ މަޝްވަރާއާއި، ޓެކްނިކަލް އިވޭލުއޭޝަންތަކާއި، ދިރާސާތައް ހެދުމަށްފަހު، އެކަމާ ހަވާލުވެ ތިއްބެވި ތައުލީމީ އަދި ފަންނީ ތަޖުރިބާކާރުންގެ ޓީމުތަކުން ރަނގަޅު ޕްރޮސެސްއެއްގެ ތެރެއިން މި ބަދަލުތައް ގެންނަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، ކަންކަން ކުރިއަށް ގެންދަނީ އެންމެންނާ ވެސް މަޝްވަރާކޮށްގެން ކަމަށާއި، ބޭރު ގައުމުތަކުގައި އެކަންކަން ކޮށްފައި ހުންނަ ގޮތްތައް ވެސް ޓީމުތަކުން ބަލައި ދިރާސާކުރަމުންދާ ކަމަށެވެ.

މިއަދު އޮންލައިން