އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 15ސ
އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރު ތަރައްގީކުރުމުގެ މަގުސަދުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ތައުލީމީ އަދި އަމަލީ ތަޖުރިބާގެ އިތުރުން ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން މަސައްކަތުގެ މާހައުލުގައި ހުނަރު ދަސްކޮށްދިނުމަށް އެކުލަވައިލައިފައިވާ 3 މަސްދުވަހުގެ ޕްރޮގްރާމެކެވެ.

މިއަހަރުގެ ޕްރޮގްރާމްގެ ދަށުން 12 ދާއިރާއަކުން ޖުމްލަ 86 ފުރުސަތު ހުޅުވާލައިފައިވާއިރު، މި ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު 8,000/- (އަށްހާސް) ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފުރުސަތު ހުޅުވާލެވިފައިވާ ދާއިރާތަކުގެ ތެރޭގައި މެރިން މެކޭނިކް ޓްރެއިނީގެ 8 ފުރުސަތު، މެކޭނިކް ޓްރެއިނީގެ 5 ފުރުސަތު، ވެލްޑަރ ޓްރެއިނީގެ 4 ފުރުސަތު، ޓިންކަރ ޓްރެއިނީގެ 5 ފުރުސަތު، އަދި ފައިބަގްލާސް ޓެކްނީޝަން ޓްރެއިނީގެ 4 ފުރުސަތު ހިމެނެއެވެ.

މީގެއިތުރުން އޮޓޯމޮބައިލް މެކޭނިކް ޓްރެއިނީގެ 4 ފުރުސަތު، އޮޓޯމޮބައިލް އޭސީ މެކޭނިކް ޓްރެއިނީގެ 2 ފުރުސަތު، އޮޓޯމޮބައިލް އިލެކްޓްރީޝަން ޓްރެއިނީގެ 2 ފުރުސަތު، އިލެކްޓްރީޝަން ޓްރެއިނީގެ 2 ފުރުސަތު، މެޝިނިސްޓް ޓްރެއިނީގެ 2 ފުރުސަތު، އަދި އޭސީ ޓެކްނީޝަން ޓްރެއިނީގެ 2 ފުރުސަތުގެ އިތުރުން ބަސް ޑްރައިވަރު ޓްރެއިނީގެ 15 ފުރުސަތު، ޓެކްސީ ޑްރައިވަރު ޓްރެއިނީގެ 20 ފުރުސަތު އަދި ޕްރޮޖެކްޓް އޮފިސަރު ޓްރެއިނީގެ 11 ފުރުސަތު ހިމެނެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާގެ އިތުރުން ފަންނީ އަދި ޕްރޮފެޝަނަލް ހުނަރުތައް ދަސްކޮށްދީ، މެންޓަރޝިޕް ފޯރުކޮށްދެވޭނެއެވެ. އަދި ކަސްޓަމަރ ސަރވިސް، ފަޔަރ ސޭފްޓީ އަދި ހޭލުންތެރިކުރުވުމުގެ ތަމްރީނުތަކާއި ގުޅުންހުރި އޮޕަރޭޝަނަލް ހާއްސަ ތަމްރީނުތައް ވެސް ލިބިގެންދާނެއެވެ. ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، އެމްޓީސީސީން ދާއިމީ ވަޒީފާގެ ފުރުސަތު ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު 26 އޮގަސްޓު 2026 އިން ފެށިގެން، 2 ސެޕްޓެމްބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ޝައުގުވެރިވާ ފަރާތްތަކުން އެމްޓީސީސީ ވެބްސައިޓްގެ ކެރިއާ ޕޭޖް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އިތުރު މައުލޫމާތު ކުންފުނީގެ ސޯޝަލް މީޑިއާ އިންނާއި ހޮޓްލައިން 1650 އިން ލިބެން ހުންނާނެއެވެ. އެމްޓީސީސީގެ އަމާޒަކީ ދިވެހި ޒުވާނުން ވަޒީފާގެ މައިދާނަށް ނެރެ، ބޭނުންވާ ފަންނާއި ހުނަރު ކުރިއަރުވައި ތަރައްގީކުރުމެވެ.

މިއަދު އޮންލައިން