ބޯހިޔާވަހިކަމުގެ ސްކީމަށް މާކްސް ދިނުން ކުރިއަށްދަނީ އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް ޑިޖިޓަލައިޒްޑް ސިސްޓަމެއްގެ ތެރެއިން: މިނިސްޓްރީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ބޯހިޔާވަހިކަމުގެ ސްކީމަށް މާކްސް ދިނުން ކުރިއަށްދަނީ އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް ޑިޖިޓަލައިޒްޑް ސިސްޓަމެއްގެ ތެރެއިން: މިނިސްޓްރީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް މާކްސް ދިނުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށްދަނީ އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް، ޑިޖިޓަލައިޒްޑް ސިސްޓަމެއްގެ ތެރެއިން ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މިފަހަރު ބޯހިޔާވަހިކަން ލިބޭ މީހުން ކަނޑައެޅުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށްގެންދަނީ އެއްވެސް ފަރާތެއްގެ ނުފޫޒު ނުފޯރުވޭ ގޮތަށް ފަރުމާކޮށްފައިވާ އޮޓަމޭޓެޑް ސިސްޓަމެއްގެ ތެރެއިން ކަމަށެވެ. އަދި ފޯމުތަކުގެ ވެރިފިކޭޝަން މަރުޙަލާގެ އެންމެހާ ކަންކަން ވެސް ކުރިއަށްދާނީ ސީދާ މި ސިސްޓަމްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ، މިއީ މިހާތަނަށް ސަރުކާރަކުން އެންމެ ހުޅުވާލެވިގެން އަދި އެންމެ ދެފުއްފެންނަ ގޮތަށް ކުރިއަށްގެންދާ މިފަދަ މަޝްރޫޢަށް ވެގެންދާނެ ކަމަށެވެ.

"މުޅި ޕްރޮސެސްއަކީ އެއްކޮށް ޑިޖިޓަލައިޒް ސިސްޓަމެއް. ކޮންމެ ކަމެއް، ކޮންމެ މަޢުލޫމާތެއް ލޮކްވާނެ. ކާކުކަން އެ މަސައްކަތެއް ކުރީ އެނގޭނެ. ސަރުކާރުން މިހާތަނަށް އެންމެ ހުޅުވާލެވިގެން، އެންމެ ދެފުއްފެންނަ ގޮތަށް ކުރިއަށްގެންދާ ސްކީމަށް ބޯހިޔާވަހިކަމުގެ މި ސްކީމް ވާނެ،" އަޙުމަދު ނާޒިމް މުޙައްމަދު ވިދާޅުވިއެވެ.

މި ސްކީމުގެ ދަށުން ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓް ކުރުމާއި، މަޢުލޫމާތުތައް ކަށަވަރުކުރުމުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސާފައިވަނީ އެކަމަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ޑޭޓާބޭސް އަދި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މީގެ ސަބަބުން ކޮންމެ މަރުޙަލާއެއްގައި ވެސް ކަންކަން ހިނގާގޮތް ޓްރެކް ކުރެވި، އިންސާފުވެރިކަމާއެކު ހައްޤުވެރިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން