މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 62 މިލިއަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 62 މިލިއަން ރުފިޔާ ލިބިއްޖެ

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް ސާފު ފައިދާގެ ގޮތުގައި 62 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 724 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. އެ އަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 501 މިލިޔަން ރުފިޔާ ކަމަށްވުމާއެކު، މިއީ 44.5 އިންސައްތަގެ ކުރިއެރުމެކެވެ.

މީގެއިތުރުން، ހިންގުމުގެ ފައިދާގެ ގޮތުގައި 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި 101 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ތިންވަނަ ކުއާޓަރުގައި ލިބިފައިވަނީ 29 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 245 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާއަށް ބަލާއިރު، ފަހު ކުއާޓަރުގައި އެމްޓީސީސީއަށް 69 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ތިންވަނަ ކުއާޓަރުގައި ލިބުނު 15 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 339 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކައެވެ.

މިއަދު އޮންލައިން