ޓެލެގްރާމް ގްރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ އޯޓީޕީ (އޯޓީޕީ) ކޯޑު ހިއްސާކުރުމުން، ގޮތް ނޭނގޭ ޓްރާންސެކްޝަނެއް ހިންގައި މީހެއްގެ އެކައުންޓުން މަކަރާއި ހީލަތުން 92,000 ރުފިޔާ އަތުލި މައްސަލައެއްގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މި އޮގަސްޓު މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. މައްސަލަ ހުށަހެޅުމާއެކު، ތަހުގީގުގެ ތެރެއިން ކުރެވުނު މަސައްކަތުން ފައިސާ ޖަމާކޮށްފައިވާ އެކައުންޓުގެ ވެރިފަރާތާއި، މި އަމަލުގައި ބައިވެރިވި އިތުރު މީހަކު ވަނީ ދެނެގަނެވިފައެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޮގަސްޓު މަހުގެ 18 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، ފައިންޕާކް، މުޙައްމަދު ފަޒީލް (23އ) އަދި ގދ. ފިޔޯރީ، ފައިންބީޗް، އަބްޝަރު ރަޝީދު (23އ) އެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އޮންލައިންކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ވަނީ އެދިފައެވެ. އަދި އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.